ބޮލީވުޑް

ސައިފާއި ރިތިކް އެކުގައި އަލަށް ފިލްމެއް ކުޅެނީ

ސައިފް އަލީ ޚާނާއި ރިތިކް ރޯޝަން ފުރަތަމަ ފަހަރަށް އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ. މި ދެ އެކްޓަރުން ބައިވެރި ވަނީ ތަމަޅަ ފިލްމު "ވިކްރަމް ވެދާ" ގެ ހިންދީ ރިމޭކް ގައެވެ.

މި ފިލްމުގެ ޝޫޓިން ފަށަން މިހާރު ތައްޔާރުވަމުން ދާއިރު އަންނަ މަހުން ފެށިގެން ޝޫޓިންތައް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު 22 ގައި ފިލްމު ރިލީޒް ކުރާނެ ކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ.

"ވިކްރަމް ވެދާ" ގެ ތަމަޅަ ފިލްމުގެ ތަރިންނަކީ އާރް. މާދަވަން އާއި ވިޖޭ ސެތުޕަތީ އެވެ. މި ފިލްމުގައި މާދަވަން ކުޅެފައި ވަނީ ޕޮލިސް އޮފިސަރު ވިކްރަމްގެ ރޯލެވެ. ވިޖޭ ކުޅުނީ ގޭންގް ސްޓާ ވެދާގެ ރޯލެވެ.

"ވިކްރަމް ވެދާ" ގެ ހިންދީ ރިމޭކް ޑައިރެކްޓް ކުރަނީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ޕުޝްކަރް އާއި ގަޔަތުރީ އެވެ.
ރިތިކް އާއި ދީޕިކާ ޕަދުކޯން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" ގެ ޝޫޓީންގައި ރިތިކް މިހާރު ދަނީ ބައިވެރިވަމުންނެވެ. މި ފިލްމު ފެށިކަން އިއުލާން ކުރުމުގެ ގޮތުން ރިތިކް ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސިދާރްތު އާނަންދު އާއެކު ނަގާފައިވާ ސެލްފީއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.