ސައިފް އަލީ ޚާން ބޮލީވުޑްގައި މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސައިފް ބޮލީވުޑަށް ތައާރަފްވާން އޮތީ ކާޖޮލް އާއި ކަމާލް ސަދާނާ 1992 ގައި ކުޅުނު ކުޅުނު "ބޭޚުދީ" އިންނެވެ.
ރާހޫލް ރަވައިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސައިފް އަށް ގެއްލުނީ އޭނާގެ އޭރުގެ ލޯބިވެރިޔާ އާއި ފިލްމާ ކުރެން ކޮންމެވެސް އެކައްޗެއް ޚިޔާރުކުރަން ޖެހުމުން އޭނާ ލޯބިވެރިޔާ ޚިޔާރު ކުރީމަ އެވެ. އޭރު ސައިފް ރައްޓެހިވެގެން އުޅުނީ އޭނާގެ ދޮށީ ދެ ދަރިންގެ މަންމަ އަމްރިތާ ސިންގްއާ އެވެ. އަމްރިތާ އަކީ އެ ޒަމާނުގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ.
ސައިފްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ވެސް ކުޅޭނެ ފިލްމުތައް ހޯދަން ވަރަށް ބުރަ މަސައްކަތްކުރަން ޖެހުނެވެ. އަދި ފުރަތަމަ ފިލްމުން ބޭރުކޮށްލީ ލޯބިވެރިޔާ އާއި ފިލްމާ ކުރެން ކޮންމެވެސް އެކައްޗެއް ޚިޔާރުކުރަން ޖެހުމުން ލޯބިވެރިޔާ ޚިޔާރު ކުރީމަ އެވެ.
"އޭރު އެއްވެސް މީހަކު އަހަންނަށް ފިލްމެއް ދޭންކަށް ބޭނުމެއް ނުވޭ. އެމީހުން ހީކުރަނީ އަހަރެން ފިލްމު ކުޅުމަކަށް އެހާ ޝައުގުވެރިކަމެއް ނެތް ކަމަށް. އަދި ފިލްމެއް ހަވާލު ކުރިޔަސް ރނގަޅަށް މަސައްކަތެއް ނުކުރާނޭ އެމީހުން ހީކުރީ. އަދި އަހަރެން އަބަދު ހުންނަނީ މަސްތުގެ ހާލަތުގައޭ ކިޔައިގެން ބައެއް މީހުން ފެތުރި ދޮގު ޚަބަރު ތަކަކުން އިތުރަށް ފިލްމީ މަސައްކަތްތައް ހޯދަން އުނދަގޫވި،" ސައިފް ބުންޏެވެ.
ސައިފް ބޮލީވުޑަށް ތައާރަފްވީ 1993 ގައި ރިލީޒްކުރި "ޕަރަމްޕަރާ" އިންނެވެ. އަދި ހަމަ އެ އަހަރު ތެރޭ އޭނާގެ "އާޝިގް އާވާރާ"ވެސް ރިލީޒް ކޮށްފައި ވެއެވެ. އަދި މި ދެ ފިލްމުގައި ސައިފް ކުޅެފައިވާ ރޯލުތަކަށް ބެލުންތެރިންނާއި ކްރިޓިކްސް ވަރަށް ތައުރީފު ކޮށްފައި ވެއެވެ. އޭނާގެ ކެރިއަރަށް ކުރިއެރުން ލިބުނީ މި ފިލްމުތަކަށް ފަހުގަ އެވެ.