ފުރަތަމަ އަނބިމީހާ އަމްރިތާ ސިންގް ވަރިކުރުމަކީ އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ގޯސްކޮށް ދިމާވި ކަންތައް ކަމަށް ސައިފް އަލީ ޚާން މިހާރު ވެސް ގަބޫލު ކުރެ އެވެ. ސައިފްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ އަމްރިތާ ވަރިކުރުން ވަރުގެ ގޯސްކަމެއް މިހާތަނަށް އޭނާއަށް ކުރިމައްޗެއް ނުވެ އެވެ. ސައިފަށް އެކަން އެހާ ގޯސް ކަމަށްވީ އެމީހުންގެ ދެ ދަރިން ކަމަށްވާ ސާރާ އާއި އިބްރާހިމް އަލީ ޚާނަށް ކުރި ފުން އަސަރުތައް ތަޖުރިބާ ކުރެވުމުންނެވެ.
ސައިފް އާއި އަމްރިތާ ވަރިތީ 2004 ގައެވެ. އޭރު ސާރާ އާއި އިބްރާޙިމް ކުޑަ އެވެ. ނަމަވެސް މިހާރު އެ ދެބެން ބޮޑުވެއްޖެ އެވެ. އަދި ބައްޕަގެ އެ ނިންމުމަށް މިހާރު ސާރާ ތާއީދުކުރެ އެވެ.
ސާރާ ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ވަނީ މައިންބަފައިންގެ ވަރިއާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކޮށްފަ އެވެ. ސާރާ ބުނި ގޮތުގައި އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި އުފާވެރިއެއް ނޫނެވެ. އެމީހުން ކައިވެނިކޮށް އުޅުނުއިރު އުޅުނީ ހިތްހަމަޖެހޭ ދިރިއުޅުމެއް ނޫނެވެ.
"މިހާރު އަހަންނަށް ވިސްނޭ އޭރު އެމީހުންނަށް އޮތީ ދެ ގޮތެއް ކަން. އެކަކަށް ވެސް އުފަލެއް ނުލިބޭ ހާލަތުގައި އެއް ގެއެއްގައި ދިރިއުޅުން ނުވަތަ ވަކިވެގެން ގޮސް ކޮންމެ މީހަކުވެސް އެމީހަކު އުފާވާ ގޮތަކަށް ދިރިއުޅުން. އޭރުން ދަރިންނަށް ވެސް މަންމަ ނުވަތަ ބައްޕައާ ބައްދަލުވާ ފަހަރަކު އެމީހުންގެ ހިތް ފުރެންދެން ލޯބި ލިބޭ ގޮތް ވާނެ،" ސާރާ ބުންޏެވެ.
ސާރާ ބުނި ގޮތުގައި މައިންބަފައިން ވަކިވުމަށްފަހު އޭނާ އާއި ކޮއްކޮގެ ދިރިއުޅުން އޭގެ ކުރިއަށް ވުރެ މާއުފާވެރި އެވެ. އެހެންވެ ކޮންމެ ކަމެއް ވެސް ދިމާވާނީ ސަބަބު ތަކަކާ ލައިގެން ކަމަށް މިހާރު އޭނާ ގަބޫލު ކުރެ އެވެ.
މަންމަ ވަރިކޮށްފައި ބައްޕަ ދިޔަސް ސާރާ އާއި އިބްރާހިމް އެމީހުންގެ ބައްޕައާ އަބަދުވެސް ގާތް ގުޅުމެއް ބޭއްވި އެވެ. އަދި އާއިލީ އެކި އެކި މުނާސަބާތައް އެކުގައި ފާހަގަކޮށް ހެދި އެވެ.
ސައިފް އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށްފަހު ކަރީނާ އާއި ސާރާ މެންގެ ގުޅުން ވެސް ވަރަށް ރަނގަޅެވެ. ސައިފް އަށް މިހާރު އިތުރު ދެ ދަރިން ކަރީނާގެ ފަރާތުން ލިބިފައިވެ އެވެ. ތައިމޫރު އާއި ޖޭ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ސާރާ މިހާރު ކުޅެމުންދަނީ ޑައިރެކްޓަރު އާނަންދް އެލް.ރާއީގެ "އަތުރަންގީ ރޭ" އެވެ. މި ފިލްމުގެ ބަތަލުންނަކީ އަކްޝޭ ކުމާރާއި ދަނޫޝް އެވެ. މީގެ އިތުރުން ވިކީ ކޯޝަލްއާ އެކު ކުޅޭ "ދަ އިމޯޓަލް އަޝްވަތުމާ" ކިޔާ ފިލްމެއް ވެސް ސާރާއަށް ލިބިފައިވެ އެވެ.