ސައިފް އަލީ ޚާން މިދިޔަ އަންގާރަ ދުވަހު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާނާ މެދު ވަރަށް ކަންބޮޑުވެ އެވެ.
އިބްރާހިމް ބޮލީވުޑު ކެރިއަރެއް ފަށަން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު އޭނާ މަސައްކަތްކުރަނީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއެކު "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
ޒޫމް އިންޓަވިއުއެއްގައި ސައިފް ބުނީ އިބްރާހީމްގެ މުސްތަގްބަލާ މެދު ކަންބޮޑުވިޔަސް އޭނާ ކެރިއަރެއް ބިނާކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރާތަން ފެނިފައި ހިތްހަމަޖެހޭ ކަމަށެވެ.
"އިބްރާހީމް ވަނީ ސްކޫލްގައި ކިޔެވިއިރު ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި. ނަމަވެސް ބައްޕައަށް ވާތީ އަބަދުވެސް އޭނާއަށް ވާނެ ގޮތަކާ މެދު ކަންބޮޑުވެ ހެޔޮ ދުއާ ކުރެވޭ،" ސައިފް ބުންޏެވެ.
އިބްރާހީމް އަކީ ސައިފްގެ ފުރަތަމަ އަނބިމީހާ އަމްރިތާ ސިންގް އަށް ލިބުނު ދެ ދަރިންގެ ތެރެއިން ހަގު ދަރި އެވެ. ދޮށީ ދަރިފުޅު ސާރާ ވެސް މިހާރު ވަނީ ފިލްމު ކުޅެން ފަށާފަ އެވެ.
ސައިފް ބުނި ގޮތުގައި އޭނާ އާއި އިބްރާހީމް ވައްތަރު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ހުދު އިބްރާހީމް ވެސް އެކަން ގަބޫލު ކުރެ އެވެ. މިއީ ވެސް އޭނާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ސަބަބަކީ އިބްރާހީމް އާއި އޭނާގެ ސިފަ އެއްގޮތްކަމުން އިބްރާހިމް ފިލްމު ކުޅެން ފެށުމާއެކު އޭނާއާ އަޅާ ކިޔުން އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ.
މައިންބަފައިން މަޝްހޫރު ފިލްމީ ތަރިންނަށް ވުމަކީ ދަރިންނަށް ފިލްމު ކުޅޭނެ ފުރުސަތުތައް ފަސޭހައިން ލިބޭ ކަމެއް ނަމަވެސް ސްޓާރުންގެ ދަރިންނަށް އެމީހުންގެ މައިންބަފައިންގެ ހިޔަނިން ނުކުތުން ވެސް އޮންނަނީ ދަތި އުނދަގޫ ކަމަކަށް ވެއެވެ.
ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރާ ސްޓާރުންގެ ދަރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވެސް އެއީ އެވެ. ސައިފް ވެސް ކަންބޮޑުވަނީ އިބްރާހީމަށް ވެސް އެހެން ސްޓާރުންގެ ދަރިންނަށް ދިމާވި ފަދަ ގޮތެއް ދިމާވެދާނެތީ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ސައިފް މިހާރު މަސައްކަތް ކުރަމުން ދަނީ ރިތިކް ރޯޝަންއާ އެކު "ވިކްރަމް ވެދާ" ކިޔާ ފިލްމެއްގަ އެވެ. އަދި ޕްރަބާސް އާއެކު "އަޑިޕުރުޝް" ކިޔާ ފިލްމެއް ވެސް ކުޅެމުން ދެއެވެ.