ފިނިޕޭޖް

ކަޕިލް ޝޯއަށް ދާން ތައްޔާރު: ސުނިލް

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ރޫހަކީ ކަޕިލް އާއި ސުނިލް ގްރޯވަރެވެ. އެ ދެ މީހުންގެ މައްސަލަ ޖެހި ސުނިލް އެ ޝޯއިން ވަކިވުމުން ޝޯ އަށް ވަރަށް ބޮޑު އުނިކަމަށް ވަނީ ލިބިފަ އެވެ. ޝޯގެ ފޭނުން ވެސް ސުނިލް ނެތްކަމުގެ ވާހަކަ އަބަދު އަބަދު ދައްކަމުން ދެއެވެ.

ކޮވިޑް-19 އިގެ ސަބަބުން ލޮކްޑައުން ކޮށްފައި އޮތުމާއި ޝޯތައް ޝޫޓް ކުރަން ހުއްދަ ދިން އިރު ވެސް އޯޑިއަންސަށް ބައިވެރި ނުވެވޭ ގޮތަށް އޮތުމުން ކަޕިލް ވަނީ މި އަހަރު ފެށުނު ތަނާ ޝޯ މެދުކަނޑާލާފަ އެވެ. އާ ސީޒަން އަކާއެކު ދުވަސްކޮޅެއް ފަހުން އަންނާކަމަށް ވައުދު ވަމުންނެވެ.

މިހާރު މި ޝޯގެ އާ ސީޒަނެއް ފަށަން ތައްޔާރުވަމުން އަންނައިރު ޝޯގައި ސުނިލް ބައިވެރި ވެދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ. އިންޑިޔާގެ ނޫހަކަށް ދާދިފަހުން ދިން އިންޓަވިއު އެއްގައި ސުނިލް ބުނީ ކަޕިލްގެ ޝޯގައި އޭނާ ކުޅުނު ގުއްތީ ކިޔާ މަޖާ އަންހެނެއްގެ ކެރެކްޓާ އާއި ޑރ. މަޝްހޫރު ގުލާޓީ ކިޔާ ބޯ ހަމަނުޖެހޭ ޑޮކްޓަރެއްގެ ކެރެކްޓާ އަކީ އޭނާގެ ހިތާ ގުޅިފައިވާ ކެރެކްޓާތަކެއް ކަމަށެވެ. އެ ކެރެކްޓާތަކާ ދުރުވާން ޖެހުމުން އޭނާ ވެސް ވަރަށް ދެރަވެ އެވެ.

ސުނިލް އިތުރަށް ބުނީ އެ ކެރެކްޓާތަކުގެ ހަނދާން ވާވަރުން ބައެއް ރޭރޭ އޭނާ އެގޮތަށް ހެދުން އަޅައިގެން އެ މީހުންނަށް ވެގެން އުޅޭ ކަމަށެވެ.

ކަޕިލް އާއި އަލުން ގުޅުމާ ބެހޭ ގޮތުންނާއި ޝޯއަށް އެނބުރި އައުމާ ގުޅޭ ގޮތުން ވެސް ސުނިލް ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި ކަޕިލްގެ ޝޯގައި ބައިވެރިވުމުގައި މިހާރު އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ރަނގަޅު ކޮންސެޕްޓެއްގެ އިންތިޒާރުގައި ހުރި ކަމަށާއި އެނބުރި އަންނައިރު އަންނަން ޖެހޭނީ އޭނާގެ ފޭނުން ހިތްހަމަޖެހޭ ފަދަ މޮޅަށް ކަމަށް ދެކޭ ކަމަށެވެ.

"ރަނގަޅު ކޮންސެޕްޓެއް ހުށަހަޅައިފިނަމަ ގަބޫލުކުރަން ތައްޔާރު،" ސުނިލް ބުންޏެވެ.