ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރަން 300 ފުލުހުން ތަމްރީނުކޮށްފި އެވެ.
ފުލުހުންގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއާން އަހުމަދު އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްވަތު ޕީއެސްއެމްގެ ޕްރޮގްރާމެއްގަ އެވެ.
އެ ޕްރޮގްރާމަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރި ޕްރޮގްރާމެކެވެ
ދެ ބޭފުޅުން ވެސް ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަމުންދާ މައްސަލަތެއް ކަމަށާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް ތަމްރީނު ލިބިފައިވާ ޖުވެނައިލް އޮފިސަރުން އުފައްދާފައިވާ ކަމުގަ އެވެ. އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައިވާނެ ކަން ފާހަގަކުރެއްވި އެވެ. އެ ޕްރޮގްރާމްތަކުގައި ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހާ ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވެ އެވެ.
އަލަށް އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު، ކުޑަކުދިންނާ ގުޅުންހުރި ތަފާތު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ ދައުރު ކުރިއަށްވުރެ ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެ ގާނޫނުތަކަށް ފުލުހުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
"ރިފްރެޝާ ޕްރޮގްރާމްތައް ދަނީ ހިންގަމުން. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފުލުހުންނަަށް ތަމްރީނުދެމުން ދަނީ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި ފުލުހުން ތަމްރީނު ކުރަމުން ދަނީ. ޗައިލްޑް ޑާޓާ ބޭސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނީ. އަދި ޕްރޮޖެކްޓް ގާޑިއަންގެ މަސައްކަތްތައްވެސް ވަނީ ފަށާފައި." ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއާން އަހްމަދު ވިދާޅުވި އެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ސަފްވަތު ރައޫފް ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި ބައެއް މީހުން ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ކަމަށެވެ. ސޯޝަލް މީޑިއާގައި އެފަދަ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތައް ދިމާވަމުންދާ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ސޯޝަލް މީޑިއާގައި ކުށްވެރިޔާގެ މައުލޫމާތު ހިއްސާކުރުމުން މައްސަލައިގެ ހެކި ގެއްލޭ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަން ފާހަގަކުރެއްވި އެވެ.
"ސޯޝަލް މީޑިއާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކުރަން. އަދި ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލައެއްގައި އެކަށީގެންވާ ހެކި ނުހުރޭ. އެހެންކަމުން ކަމެއް ދިމާވުމުން ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކުރަން." ސަފްވަތު ވިދާޅުވި އެވެ.
މީގެ އިތުރުން ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމަކީ ކުށެއް ކަމަށާއި ކުޑަކުދިން ގްރޫމް ކުރުުމަކީވެސް ކުށެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލައެއް ރިޕޯޓު ކުރާ ހިސާބުން ފެށިގެން އެ ކުއްޖަކަށް ރައްކާތެރިކަން ގާއިމުކޮށްދިނުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށާއި ކައުންސެލިން ބޭނުންވާ ކުދިންނަށް ކައުންސެލިން ދިނުން ކުރިއަށް ގެންދާ ކަމަށެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގައި ގާނޫނުގެ އިތުރުން މުޖުތަމައުގެ ދައުރާ އަދި އާއިލާތަކުގެ ދައުރުވެސް މުހިންމު ކަމުގައި ފާހަގަކުރެއްވި އެވެ. ކުޑަކުދިންނާ ދެކޮޅަށް ހިންގާ ކަންކަމުގައި ކުށްވެރިވާނީ އަނިޔާ ލިބުނު ކުއްޖާ ނޫންކަމާއި ކުދިން ކުރާ ކަންކަން މައިންބަފައިން ވަރަށް ގާތުން ބެލުމަށްވެސް ފުލުހުން އެދެ އެވެ. އަދި މައިންބަފައިންނާއި ކުދިންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ކުއްޖާއާ ގާތްގުޅުމެއް އުފެއްދުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.