މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގް މައްސަލަތަކުގައި ތަކުރާރުކޮށް ހަތް ކުއްޖަކު

މަގުމަތީގައި މަސްތުވާތަކެތީގެ އެކިއެކި މުއާމަލާތްތަކުގައި ތަކުރާރުކޮށް ހަތް ކުއްޖަކު ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި މި ހަތް ކުދިންނަކީ ވަރަށް ގިނައިން މަގުމަތިން ހުއްޓުވައި ސުވާލުކޮށް، އަދި ހައްޔަރުވެސް ކޮށްފައިވާ ކުދިންނެވެ. އެ ހަތް ކުދިންނަކީ 17 އަހަރުގެ ހަތަރު ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 15 އަދި 14 އަހަރުގެ ކުއްޖެކެވެ.

މި ހަތް ކުދިންގެ ތެރެއިން 17 އަހަރުގެ އެއް ކުއްޖަކު ފުލުހުން ވަނީ 321 ފަހަރު ބަލައި ފާސްކޮށްފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އުމުރުގެ އަނެއް ކުއްޖާ 159 ފަހަރު ބަލައި ފާސްކޮށްފައިވާއިރު ދެ ފަހަރު ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން 16 އަހަރުގެ ކުއްޖާ ތިން ފަހަރު ބަލައި ފާސްކޮށް، އެއް ފަހަރު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި 15 އަހަރުގެ ކުއްޖާ 281 ފަހަރު ބަލައި ފާސްކޮށް އެއް ފަހަރު ހައްޔަރު ކޮށްފައިވެ އެވެ. މީގެ އިތުރުން 14 އަހަރުގެ ކުއްޖާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 375 ފަހަރު ފުލުހުން ބަލައި ފާސްކޮށްފައިވާ ކުއްޖެކެވެ. އެކުއްޖާ ވެސް އެއް ފަހަރު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 932 ކުޑަކުދިން ފުލުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން 902 ކުދިންނަކީ ފިރިހެން ކުދިންނެވެ. އަދި 30 ކުދިންނަކީ އަންހެން ކުދިންނެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން މިއަދު ބުނީ، ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކުދިން ބޭނުންވާ ތަކެތި ހޯދައިދީގެން އެކުދިން ރުއްސައިގެން ގެންގުޅޭ ކަމަށެވެ.

އެފަދަ ކުދިން ލައްވައި މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ވިއްކުކުމުގެ މުއާމަލާތްތައް ކުރުވަ އެވެ. ފުލުހުން ބުނީ އެކުދިން ރެކްރޫޓް ކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ ހަދަންވީ ގޮތްތަކާއި ދައްކަންވީ ވާހަކަތައް ވެސް ކިޔައިދީގެން ކަމަށެވެ.

މިގޮތަށް ކުޑަކުދިން ގެންގުޅޭއިރު އެކުދިން ގެންގުޅެން ވަކި ކޮޓަރިތައް ގޭގޭގައި ހުންނަ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ ކުދިންނަކީ އާންމުކޮށް މަސްތުވާތަކެތި ބޭނުން ވެސް ކުރާ ކުދިންނެވެ.

ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ހައްޔަރުކޮށްގެން ގެންގުޅެވެނީ 15 އަހަރު ފުރިފައިވާނަމަ އެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރާއި 18 އަހަރުގެ ކުދިން ބޭނުންކުރުން އިތުރުވަމުންދާ ކަމަށެވެ.