އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ހައްޔަރުކުރަން އަމުރުކޮށްފި

ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލަން ނެރުނު އަމުރު ބާތިލްކޮށް އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.

އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.

ދައުލަތުގެ ފަރާތުން ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކޮށްދިނުމަށް އެދިފައިވަނީ ތިން ކަމެއް ފާހަގަކޮށްފަ އެވެ. އެއީ އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ އިހުތިމާލު އޮތުމާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތުމާއި އަދި މުޖުތަމައަށް ނުރައްކާވާނެ ކަން ފާހަގަކޮށްފަ އެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ފާހަގަކޮށްފައި ވަނީ މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ އަންމަޓީގެ ކުރީގެ މުވައްޒަފުން ކަމަށެވެ. އޭނާގެ ފަރާތުން މީގެ ކުރިން ހެއްކަށް ނުފޫޒު ފޯރުވިކަމުގެ އަމަލެއް ފެނިފައި ނުވާ ކަމަށާއި އަދި ދައުލަތުން ވެސް އެކަމަށް އިއުތިރާފްވެފައި ވާތީ އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ނުދެކޭ ކަމަށް އެރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ދައުލަތުން ބުނާ ބުނުމަށް ބަލާއިރު މީގެ ކުރިން އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި އަދި އޭނާގެ ދިރިއުޅުމަށް ބަލާއިރު އޭނާ އަކީ ބާރުވެރި ފަރާތެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާ އަކީ ޖަމާއަތް ހަދައިގެން ކުށްކުރާ މީހެއް ނޫން ކަމަށާއި އެހެންކަމުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ނުދެކޭ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި މިކަންކަމަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް ރައުޔު ތަފާތުވެފައި ވަނީ އޭނާ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެ ކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާ އަށެވެ. އެގޮތުން އެ ރައުޔުގައި ފާހަގަކޮށްފައި ވަނީ އަންމަޓީ އަކީ މީގެ ކުރިންވެސް ޝަރީއަތަށް ހާޒިރުނުކުރެވުނު މީހެއް ކަމަށާއި އޭނާ ރާއްޖެ އައިސްފައި ވަނީ ބޭރު ގައުމެއްގައި ހުރެފައި ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އެގައުމުން ޑީޕޯޓް ކޮށްލުމުން ކަމަށެވެ.

އޭނާ އަކީ ދިގު މުއްދަތަކަށް ފިލައިގެން އުޅުނު މީހެއް ކަމަށާއި އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ދިން ކަމަށް ބުނި ނަމަވެސް ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އޭނާ ބަންދުކޮށްދިނުމަށް ކޯޓު އަމުރަށް އެދިފައިވާކަން ފަނޑިޔާރު ފަރްހީނާ ފާހަގަކުރެއްވި އެވެ. ބޭރު ގައުމެއްގައި ގަވާއިދާ ހިލާފަށް އުޅެފައިވުމުން އޭނާގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވީ ނަމަވެސް ގާނޫނާ ހިލާފަށް ރާއްޖެ ދޫކޮށް ހިނގައިދާނެ ކަމުގެ އިހުތިމާލް އޮތް ކަމަށްވެސް ފާހަގަކުރެއްވި އެވެ، އެހެންކަމުން އޭނާ ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތް ކަމަށް އެރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލުކޮށް އޭނާ ބަންދުކުރުމަށް އެރައުޔުގައި ފާހަގަކުރި އެވެ. ފަނޑިޔާރު ފަރްހީނާގެ މި ރައުޔަށް އިސް ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ތާއީދުކުރައްވާފަ އެވެ. އެހެންކަމުން އަންމަޓީ ބަންދުކުރަން ނިންމީ ދެ ފަނޑިޔާރުންގެ ރައުޔުންނެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.