އަހުމަދު މޫސާ މުހައްމަދު

އަމުރު ސާފެއް ނޫން، ރައުޔުގައި ތަފާތު އެބަހުރި: މުހުތާޒު

ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލަން ނެރުނު އަމުރު ބާތިލްކޮށް އޭނާ ހައްޔަރު ކުރަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ސާފު ނުވާ ކަމަށް އަންމަޓީގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅު ވެއްޖެ އެވެ.

މުހުތާޒް މިއަދު އަވަސް އަށް ވިދާޅުވީ ދެ ފަނޑިޔާރުންގެ އިއްތިފާގުން އަންމަޓީ ބަންދު ކުރަން އަމުރު ކުރިއިރު އެ ދެ ފަނޑިޔާރުންގެ ރައުޔު ތަފާތު ކަމަށެވެ. އެހެންކަމުން އިތުރަށް އެ އަމުރު ރިވިއު ކުރުމަށްފަހުގައި ނޫނީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު މިދަނީ ހައިކޯޓުގެ ނިންމުން ދިރާސާ ކުރަމުން. އޭގެ ފަހުގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ،" ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރިން ކުރައްވާފައިވާ މުހުތާޒް ވިދާޅުވި އެވެ.

އަންމަޓީގެ ބަންދުގެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ފާތިމަތު ފަރްހީނާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި އޭނާ ބަންދު ކުރަން އަމުރު ކުރައްވާފައި ވަނީ ފަނޑިޔާރު ފާތިމަތު ފަރްހީނާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ހިޔާލު ތަފާތުވާ ބައެއް ކަންކަން ހުރި ނަމަވެސް ބަންދު ކުރަން ދެ ފަނޑިޔާރުންގެ ރައުޔުގައި އިއްތިފާގު ވެވޭތީ އެވެ.

އިސްފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ވިދާޅުވެފައި ވަނީ އަންމަޓީ ހައްޔަރު ކުރުމަށްޓަކައި އިންޓަޕޯލް ރެޑް ނޯޓިހެއް ނެރެފައިވާ ކަަމަށާއި އޭނާ ކޯޓަށް ހާޒިރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން އެނގި ހުރެ ވެސް ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

އަންމަޓީ މާލެ އައީ އޭނާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުން ރާއްޖެއަށް ޑީޕޯޓް ކޮށްލުމުން ކަން ލިޔުންތަކުގެ އެނގޭ ކަމަށް ރައުޔުގައިވެ އެވެ. އެހެން ކަމުން އަންމަޓީގެ އަމަލުތައް ހުރި ގޮތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަކުން އޭނާ ކޯޓަށް ހާޒިރު ނުވެ ފިލާފާނެ ކަމުގެ އިހްތިމާލު ނެތި ކޮށްލެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ ފިލައިގެން ދިއުމަށް ވުރެ، ކޯޓަށް ހާޒިރު ނުވެދާނެ ކަމުގެ ނުވަތަ ޝަރީއަތަށް ފިލައިފާނެކަމުގެ ބިރު މާބޮޑު ކަމަށް ވެސް އިސް ފަނޑިޔާރުގެ ރައުޔުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ފަނޑިޔާރު ފަރްހީނާގެ ރައުޔުގައި ވިދާޅުވެފައި ވަނީ މީހަކު ފިލައިފާނެ ކަމަށް ނިންމުމުގެ ކުރިން ޝަރީއަތުން ހަތަރު ކަމަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. ފުރަތަމަ ކަމަކީ ކޯޓު އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވާ މީހެއްކަން ނުވަތަ ނޫން ކަމެވެ. ދެވަނަ ކަމަކަށް ތުހުމަތު ކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑެވެ. ތިންވަނަ ކަމަކަށް ތުހުމަތުކުރެވޭ މީހާ ބަންދު ނުކޮށް ފިލައިގެން ދިއުމުގެ އިހްތިމާލް ނައްތާލެވޭނެކަން ނުވަތަ ކުޑަ ކުރެވޭނެ ކަމެވެ. އަދި ހަތަރުވަނަ ކަމަކަށް ފާހަގަ ކުރައްވާފައި ވަނީ ތަހުގީގުކުރާ އިދާރާއަށް ނުވަތަ އެނޫންވެސް ތަނަކަށް ވަކި އުސޫލަކުން ހާޒިރުވުމަށް ޝަރުތު ކޮށްފިނަމަ، އޭނާ އެޝަރުތާ އެއްގޮތަށް އަމަލުކުރި ކަން ނުވަތަ ނުކުރާ ކަމެވެ.

މި ހާލަތުތައް މައްސަލައިގައި ހިމެނޭތޯ ބަލާއިރު ދެ އަހަރު ވަންދެން 14 ފަހަރެއްގެ މަތިން އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ ކަން ފަނޑިޔާރު ފަރްހީނާގެ ރައުޔުގައި ފާހަގަ ކުރައްވާފައިވެ އެވެ. އެ އަމުރުތަކަށް އަމަލު ނުކުރެވުނީ ފުރާނައަށް ނުރައްކާ އޮވެގެން ކަމަށާއި ނަމަވެސް އޭނާގެ ފުރާނަ އަށް ނުރައްކާ ވަނީ ކޮން ގޮތަކުން ކަން އަންމަޓީއަށް ޝަރީއަތަށް ސާފު ކޮށްދެވިފައި ނުވާ ކަމަށްވެސް ރައުޔުގައިވެ އެވެ.

މި މައްސަލަ ނޫން އެހެން މައްސަލައެއްގައި މީގެ ކުރިން އަންމަޓީ ކޯޓަށް ހާޒިރު ކުރަން ޖެހުނީ ބަންދުގައި ބަހައްޓައިގެން ކަމަށްވެސް ރައުޔުގައިވެ އެވެ. މީގެ އިތުރުން ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރަށް ކަފާލާތުގެ އުސޫލުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކި ތަނަކަށް ގަވާއިދުން ހާޒިރުރު ވުމަށް އެންގުން ފަދަ ޝަރީއަތަށް ނުފިލާކަން ކަށަވަރު ކުރެވޭނެ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ފަހުގައި މެނުވީ އަންމަޓީ ބަންދުން ދޫކޮށްލެވިގެންވާނެ ކަމުގައި ފަނޑިޔާރު ފަރްހީނާ ގަބޫލެއް ނުކުރައްވަ އެވެ.

މި ރައުޔުގައި އިތުރަށް ވިދާޅުވެފައިވަނީ ތުހުމަތު ކުރެވޭ ފަރާތް ބަންދު ނުކޮށް ފިލައިގެން ދިއުމުގެ އިހްތިމާލް ނައްތާލެވޭނެ ނުވަތަ ކުޑަކުރެވޭނެ އިތުރު ހަރުދަނާ ފިޔަވަޅުތަކަކާއެކު އަންމަޓީގެ ބަންދަށް ލުޔެއް ދިނުމަށް މައްސަލަ މައުލޫއީ ގޮތުން ބަލައި ފަނޑިޔާރަށް ހުރަހެއް އޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އަންމަޓީ ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ޖެހޭ ކަމަށް ފަނޑިޔާރު ފަރްހީނާ ގަބޫލުކުރައްވަ އެވެ.