ގާސިމް އިބްރާހިމް

ނާޒިމް ޕާޓީ އުފެއްދެވުން: ގާސިމް ސިފަ ކުރެއްވީ ހަރާންކޯރުވުމެއް ގޮތު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމަންޓަރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާ ދެ ބޭފުޅުން އިސްވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޖޭޕީއަށް ހަރާން ކޯރުވުން ކަމަށް ސިފަވާ މޭރުމަކުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފި އެވެ.

ވަރަށް ބޮޑަށް ނުރުހުންވެ ވަޑައިގެން ގާސިމްގެ ފާޑުވިދާޅުވުން އައީ ސިޔާސީ އެކި ވާހަކަތަކަށް ހާއްސަކޮށްފައި އޮތް ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވާލެއްވި މެސެޖެއްގަ އެވެ.

އެ ގުރޫޕަށް ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ އޭނާ ކުރެއްވި ޓްވީޓެއް ހިއްސާ ކޮށްފަ އެވެ. އެ ޓްވީޓްގައި މޫސަ ފާޑު ކިޔާފައި ވަނީ އާ ސިޔާސީ ޕާޓީގެ މަސައްކަތަށް އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރެއްވުމުންނެވެ. މޫސަގެ ޓްވީޓްގައި ރިޔާޒަށް އަމާޒުކޮށް ވިދާޅުވީ "ބޯކޯ ހަރާމްގެ ނަމުގައި ޕާޓީއެއް ހަދަން" ފެންނަ ކަމަަށެވެ. އަދި ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވެވަޑައިގެން އެ ޕާޓީއަށް ހަރާންކޯރުވި މެންބަރެއް ކަމަަަށެވެ.

ހުތުރު އިބާރާތެއްް ވެސް ބޭނުން ކޮށްފައިވާ އެ ޓްވީޓަށް ގާސިމް ރިއެކްޓް ކުރެއްވީ މަލާމާތުގެ ހިނިގަނޑު ރަމްޒުކޮށް ދޭ އިމޯޖީތަކަކުންނެވެ. އަދި މޫސަގެ ޓްވީޓަށް އެއްބަސްވެވަޑައިގަންނަވާ އުސޫލުން ނާޒިމަކީވެސް ޖޭޕީއަށް ހަރާންކޯރު މެންބަރެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

"ނާޒިމް ވެސް އެއީ ވަކި ކާކު،" ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވެސް ކުރިން ހުންނެވި ނާޒިމްއަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރައްވާ ރިޔާޒު ރޭ ވަނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް ސިޓީއަކުން އެކަން އަންގަވާފަ އެވެ. ރިޔާޒުގެ ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ނިންމަވާފައި ވާތީ މިއަދުން ފެށިގެން ޖޭޕީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

ރިޔާޒު އާއި ނާޒިމް މި ފަހުން ޖޭޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެއް ވެސް ނުވެއެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ޖޭޕީއާމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން ވެސް ހާމަކުރައްވާފަ އެވެ. ނާޒިމް ވަނީ ގާސިމަށް އެޑްވައިސް ދިނުން ހުއްޓަވާލައްވާކަން ހާމަ ކުރައްވާ ފަހުން ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ނާޒިމާއި ރިޔާޒަކީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގަައި މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ދެ މެންބަރުންނެވެ. އެ ދެ މެންބަރުންގެ އިތުރުން ދެން އެ ޕާޓީގައި ތިއްބެވީ ގާސިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ. ނާޒިމާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ މަޖިލީސް މެންބަރުންގެ އަދަދު ތިނަކަށް ވެއްޓޭނެ އެވެ.