ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމަންޓަރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެ ޕާޓީން ވަކިވެވަޑައިގެނެވިއަސް ޖޭޕީއަށް ކުޑަވެސް ލޮޅުމެއް ނާރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސައިންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޖޭޕީގެ ސްޕޯކްސް ޕާސަންކަން ވެސް ކުރައްވާ ސޯލިހު މިއަދު ވިދާޅުވީ ޕާޓީއަކުން މްބަރުން ވަކިވެ އެހެން ޕާޓީތައް އުފެއްދުމަކީ މާޒީއަށް ބަލާއިރު ވެސް ފެންނާން އޮތް މަންޒަރު ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.
ޖޭޕީން ވަކިވެގެން ދިޔަ ދެ މެމްބަރުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖޭޕީގެ ޓިކެޓާއި ސިޔާސަތު ފަތުރައިގެން ކަން ފާހަގަ ކުރައްވާ ވިދާޅުވީ ދެ ބޭފުޅުން ވަކިވެގެން ދިއުމަކީ ވޯޓުދިން ޖޭޕީގެ މެންބަރުންނަށް ދިން ޖަވާބެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ މީހަކަށް ވެސް 3000 މީހުންގެ ސޮއި ހަމަ ކޮށްގެން ޕާޓީއެއް އުފެއްދިދާނެ ކަމަށެވެ. އެކަމަކު ޕާޓީއެއް ދިރުވުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި މާޒީއަށް ބަލާއިރު އެހެން އުފައްދާ ހަގު ޕާޓީތައް މަރުވެގެން ދިޔަތަން ފެނިފައިވާ ކަމަށެވެ.
ދެ މެމްބަރުން ވަކިވިއަސް ޖޭޕީއަށް ލޮޅުމެއް ނާރާނެ، ހީނަރު ކަމެއް ވެސް ނާންނާނެ. ޕާޓީގެ ހިންގުން އިތުރަށް ވަރުގަދަކޮށް އަޅުގަނޑުމެން ކުރިއަށް ދާނީ،އަލީ ސޯލިހް | ސްޕޯކްސް ޕާސަން
އޭނާ ވިދާޅުވީ ޖޭޕީގެ އެތެރޭގައި އެއްވެސް ބައިބައި ވުމެއް ނެތް ކަމަށާއި ރާއްޖޭގައި އެންމެ ވަރުގަދަ ޕާޓީތަކުގެ ލިސްޓުން ދެވަނަގައި އޮތީ ޖޭޕީ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި އިރު ޖޭޕީގެ މެންބަރުންގެ އަދަދަކީ 13748 އެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުންގެ އަދަދު ބޮޑުތަނުން ތަފާތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވެސް އެ ޕާޓީން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ކަމަށައި ބަޔަކު މަގުމަތީގައި އަޑުގަދަކޮށް އުޅުނަސް ޖޭޕީއަކީ އެހެން އުޅޭ ޕާޓީ އެއް ނޫން ކަމަށެވެ.
:ކޮންމެ ބޭފުޅަކަށް ވެސް ވާނެ ވަކި ޒިންމާއެއް ހަވާލުކޮށްފަ. އެ ބޭފުޅުން އެކަން ކުރއްވާނެ. ނުކުރާނަމަ އެއީ އެމީހެއްގެ އަމިއްލަ ކަމެއް،"