ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގެ ދެވޭރިއަންޓެއް އެއްފަހަރާ އެކަކަށް ޖެހުމުގެ ބިރު

ކޮވިޑްގެ ދެވޭރިއަންޓެއް، ދެ ވައްތަރެއް 90 އަހަރުގެ އަންހެނަކަށް އެކުއެކީގައި ޖެހި ފަރުވާދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައި ވަނީ ބެލްޖިއަމްގެ ހޮސްޕިޓަލެއްގަ އެވެ.

ބްލޫމްބާގުން ބުނާ ގޮތުން ކޮވިޑްގެ ދެވައްތަރެއް އެކަކަށް އެއްފަހަރާ ޖެހޭކަން ސައިންސްވެރިން ބަލައިގެންފި އެވެ. މިއާއެކު އޮތް ބިރަކީ ސައިންސްވެރިންނަށް އެނގިފައި އޮތް މިންވަރަށް ވުރެ ބާރަށް ކޮވިޑް ވޭރިއަންޓްތައް އިންސާނުންގެ މެދުގައި ފެތުރިގެންފާނެ ކަމަށް އޮތް ކަންބޮޑުވުމެވެ. ދެ ވޭރިއަންޓެއް އެއްފަހަރާ ޖެހުމުން ވެކްސިންގެ ބޭނުންކެނޑިދާނެ ކަމަށް އޮތް ބިރު ވެސް ވަކި ކުޑައެއް ނޫނެވެ.

ބެލްޖިއަމް ހޮސްޕިޓަލެއްގައި މަރުވި އަންހެނާއާ ބެހޭ ގޮތުން އެނގިފައި އޮތީ އެއީ އެކަނިމާއެކަނި ދިރިއުޅޭ އަންހެނެއް ކަމެވެ. ކޮވިޑް ވެކްސިނެއް ނުޖަހާ ކަމެވެ. އޭނާއަށް ގޭގައި ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ބަދަލުކުރި އިރުވެސް އޮކްސިޖަން ލެވެލް ބަރާބާރު ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެހެން ނަމަވެސް ފަސް ދުވަސް ފަހުން އޭނާ މަރުވި އެވެ.

އެ އަންހެނާ މަރުވި ސަބަބު ހޯދަން ކުރި ޓެސްޓްތަކުން ކޮވިޑްގެ ދެ ވައްތަރަކަށް ޕޮޒިޓިވްކަން ކަށަވަރު ވިއެވެ. އެއީ އަލްފާ ވޭރިއަންޓާއި ބީޓާ ވޭރިއަންޓެވެ. އަލްފާ ވޭރިއަންޓް އެންމެ ފުރަތަ ދެނެގަނެވުނީ އިނގިރޭސިވިލާތުންނެވެ. ބީޓާ ވޭރިއަންޓް ސައުތު އެފްރިކާއިންނެވެ.

ސައިންސްވެރިން ބުނާ ގޮތުން ކޮވިޑްގެ ވައްތަރުތައް ވަރަށް ބާރަށް ފެތުރިގަނެ އެވެ. އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ކޮވިޑް އެރުމުގެ ކުރިން ވެސް، ކުރިން އެނގިފައި ނެތް ވައްތަރުތައް ބަދަލުވެގަނެ އެވެ.

ޔޫރަޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޮބަޔޮލޮޖީ އެންޑް އިންފެކްޝަސް ޑިސީޒަސްއަށް ހުށަހަޅާފައި އޮތް ކަރުދާހުގައި ބެލްޖިއަން އަންހެނާއަށް ކޮވިޑްގެ ދެވައްތަރެއް އެެއްފަހަރާ ޖެހުނު ސަބަބާ މެދު މަޝްވަރާކުރެވިފައި ވެއެވެ. ބޮޑަށް ބުރަވެވެނީ އެއަންހެނާއަށް ދެވޭރިއަންޓް ޖެހިފައި ވަނީ ދެމީހެއްގެ ފަރާތުން ކަމަށެވެ.