ފިނޭންސް މިނިސްޓްރީ

ކައުންސިލްތަކަށް އިންޓަނެޓު ބޭންކިން ދީފި

Jul 12, 2021
1

ކައުންސިލް ތަކުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވާ ގޮތުން، ދައުލަތުގެ ފައިސާ އާއި ގުޅުންހުރި މަސައްކަތްތައް ހަރުދަނާ ކުރުމަކީ އެ މިނިސްޓްރީން ކުރާ މަސައްކަތެކެވެ. އެގޮތުން އޮންލައިން ބޭންކިންގެ ހިދުމަތަކީ ކައުންސިލްތަކުގެ މަސައްކަތަށް އިތުރު ހަރުދަނާ ކަމެއް ގެނެވޭނެ ހިދުމަތަކަށްވާނެތީ ކައުންސިލްތަކަށް އެ ހިދުމަތް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވެއެވެ.

މިހާރު އޮންނަ ގޮތުން ކައުންސިލްތަކުން ރަސްމީކޮށް ކުރާ ފައިސާގެ މުއާމަލާތްތަކުގައި އިންޓަނެޓް ބޭކިންގެ ބޭނުމެއް ނުކުރެ އެވެ.

ކައުންސިލް ތަކަށް އިންޓަނެޓު ބޭންކިން މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސާފައި ވަނީ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އުސޫލެއް ހަދައިގެންނެވެ. މި އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.

ކައުންސިލް ތަކުން އޮންލައިން ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލުގައި އެކަން ކުރިއަށް ގެންދާނެ ގޮތް ބުނެދީފައިވެ އެވެ. ހިދުމަތް ހޯދަން ބޭނުންވާ ކައުންސިލް ތަކުން އިންޓަނެޓް ބޭންކިން ހިދުމަތަށް އެދޭ ފޯމު މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގައި އެދެންޖެހެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ކައުންސިލް ތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ވަނީ ދީފަ އެވެ. އެގޮތުން ކައުންސިލްގެ އިހުތިސޯސްގައި ހުރި ބިންތަކުގައި ވިޔަފާރި ކޮށްގެން ނަފާ ހޯދުމުގެ ބާރު ދީފައިވާއިރު ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން "ބްލޮކް ގްރާންޓް" ގެ ގޮތުގައި ފައިސާ ވެސް ކައުންސިލް ތަކަށް ދޭން ޖެހެ އެވެ.