ދައުލަތުގެ ބަޖެޓް

ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު ފޮނުވަން އަންގައިފި

Jul 10, 2021

ކައުންސިލް ތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް އަންނަ މަސް ނިމުގެ ކުރިން ފޮނުވައިދޭން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ.

އަދި ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި އުސޫލުގެ މަތިން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު އެ މިނިސްޓްރީން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި ހިއްސާ ކުރަން ގަސްތު ކުރާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ފޯމެޓް

  • ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
  • އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓަށް ދޭނެ އެހީ
  • ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
  • ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ

"މި މައުލޫމާތުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގެ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާ ކޮށްފައިވާ އަދަދަށްވުރެ އިތުުރު ނުވާނެ ގޮތަށެވެ،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި މައުލޫމާތު އަންނަ މަހުގެ 31 ގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވަން އަންގާފަ އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 33 ބިލިއަން ރުފިޔާ އެވެ.