ސަރުކާރުގެ އޮފީސް ތަކުން އަންނަ އަހަރު އަލަށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫއުތަކުގެ މައުލޫމާތު އަންނަ މަހުގެ 30 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އަންގަން އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާގައިވާ ގޮތުން 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން ގެންދާތީ ދައުލަތުގެ އޮފީސްތަކުފެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް - އަލަށް ކުރަން ކަނޑައަޅާ ކަންކަން އަދި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ބޭނުން ވެ އެވެ.
އެ މިނިސްޓްރީން ބުނީ 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސް ޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ / އެންއާރްއާރް) ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ.
މި ގޮތުން، ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސް ތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި މި މިނިސްޓްރީއަށް ހުށަހެޅުން ހިމެނެ އެވެ.
"ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ އެވެ. އަދި ނިއުޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަންވާނެ އެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ބޮޑުވާނެ ކަމަށް މާހިރުން ވަނީ އަންދާޒާކޮށްފަ އެވެ.