ގަން އިންޓަނޭޝަނަލް އެއާޕޯޓް

އިންޑިއާ އެންބަސީ: ގަން އެއާޕޯޓް ވާނީ ހަބަކަށް

Jul 12, 2021
7

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން އެ ތަން ވެގެންދާނީ މި ސަރަހައްދުގެ ހަބަކަށް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ދިވެހި ސަރުކާރަށްވުރެ ކުރީން ރާއްޖޭގެ ބައެއް ކަންކަމުގައި ބަސް ބުނެ، ކަންކަން އިއުލާނު ކުރަމުން އަންނަ އިންޑިއާގެ އެމްބަސީން މިއަދު ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި އެ އެއާޕޯޓް ވެގެންދާނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ -- ލޯނެއް -- ތެރެއިންނެވެ. މީގެތެރެއިން 17 މިލިއަން ޑޮލަރު އެއާޕޯޓަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގެ އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑް ކުރުމާއި، ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި، އެއާޕޯޓަށް ދާން ބޭނުންވާ އާ މަގުތައް ހެދުމުގެ އިތުރުން ސަޕޯޓް އިންފްރާސްޓްރަކްޗާގެ ތެރޭގައި ހިމެނޭ ފަޔާ ސްޓޭޝަނާއި އާ ޓަވަރެއް ހެދުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުން އިންޑިއާ އަށް ސީދާ ދަތުރުތައް ކުރާން އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ.

ގަން އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާ އިން ހަރަދު ކުރާއިރު އެ ސިޓީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިއާ ކުންފުންޏަކުންނެވެ. އަދި އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިން ސުކޫލުގެ މަސައްކަތް ވެސް ކުރަމުން ދަނީ އިންޑިއާ އިންނެވެ. އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމަށް ވެސް އިންޑިއާ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.