ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ދެ އަހަރުގެ ކާމިޔާބީގައި ރައްޔިތުންގެ ހިއްސާ ބޮޑު: ފަސްޓް ލޭޑީ

Nov 18, 2015
2

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި ހޯދިފައިވާ ކާމިޔާބީތަކުގައި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު އެކަމަނާގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެއްވި ކުރު މެސެޖެއްގަ އެވެ. މިއީ "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ދިން ހަމަލާގައި އެކަމަނާއަށް ލިބި ވަޑައިގެންނެވި ގެއްލުންތަކަށް ހޮސްޕިޓަލްގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު ފަރުވާ ހޯއްދެވުމަށްފަހު ގެއަށް ވަޑައިގެންނެވި ފަހުން މިފަދަ މެސެޖެއް ހިއްސާ ކުރެއްވި ފުރަތަމަ ފަހަރެވެ.

އެކަމަނާ މިހެން ވިދާޅުވި އިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭ އެންމެ ބޮޑަށް ހާސިލް ކުރެވުނީ ސިއްހަތާއި އިޖުތިމާއި ރާއްކާތެރި ކަމުގެ ވައުދުތައް ކަމަށާއި މި ފަށާ އަހަރަކީ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފަށާ އަހަރެއް ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު މި ޓްވީޓްތަކެއް ކުރައްވާ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ނިސްބަތުން އެންމެ ބޮޑަށް ހާސިލްވީ "ސިއްހަތު ހިޔާ އެންމެނަށް" އަދި "އިޖްތިމާއީ ރައްކާތެރި ކަމުގެ" ވައުދު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ދެ އަހަރު ދުވަހަށް ރިޕޯޓް ފޯމެއް ދޭނަމަ މާކްސް ދޭނީ ރައްޔިތުން ކަމަށާއި އެކަމަށް ހެކިވާން ތިބީވެސް ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރިނީ އިއްޔެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ނޮވެމްބަރު 17، 2013 ގަ އެވެ.