ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށްފަހު އަހަރުތަކަކަށް އާންމުންނަށް މުޅިން ގެއްލިފައި ހުންނެވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އިދިކޮޅުގެ ސަޕޯޓަރުންނާ އެކު ފެނިލައިފި އެވެ.
މެޑަމް ފާތުން ވަނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ރޭ ބޭއްވި ހަފްލާއެއްގައި ބައިވެރިވެފަ އެވެ.
މީޑިއާ އަށް ދައުވަތު ދީގެން ބޭއްވި ހަފްލާ އަކަށް ނުވާތީ ރޭގެ ހަރަކާތް ކުރިއަށް ދިޔަ ގޮތުގެ ތަފްސީލް އެނގޭ ގޮތެއް ނުވި އެވެ.
އެކަމަކު އަވަސް އަށް މައުލޫމާތު ދެއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މެޑަމް ފާތުންއާ އެކު ރޭ ކުރިއަށް ގެންދިޔަ ހަފްލާގައި ސިޔާސީ ހަރަކާތްތައް މިހާރަށް ވުރެ ބޮޑަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް އެކަމަނާ ހިތްވަރު ދެއްވެވި ކަމަށެވެ. މައުލޫމާތު ހިއްސާކުރެއްވި ބޭފުޅާ އެއަށް ވުރެ އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މެޑަމް ފާތުން ވަނީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ސަރުކާރު ޕްރޮމޯޓް ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. ބައެއް ރަށްރަށަށް އަމިއްލަފުޅަށް ވަޑައިގެން ކެމްޕޭން ރެލީތައް ވެސް ބޭއްވެވި އެވެ.
އަމިއްލަފުޅަށް އިސްނަންގަވައިގެން އިޖުތިމާއީ ގޮތުން ވެސް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކުރެއްވެވި އެއް ފަސްޓް ލޭޑީ އަކީ މެޑަމް ފާތުން އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރެވި ޖަލަށްލުމުން އިދިކޮޅު ކޯލިޝަނުން ބޭއްވި ސިލްސިލާ ހަރަކާތްތަކުގައިވެސް މިދިޔަ ދުވަސްތަކުގައި އެކަމަނާ ފެނިފައެއް ނުވެ އެވެ.