ދުނިޔެ

އިންޑިއާއިން ހަތިޔާރު ސަޕްލައިކުރާ ކަމަށް ބުނާ ބުނުމަކީ ދޮގެއް: އަފްޣާން

އަފްޣާނިސްތާން ސަރުކާރުން ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އިންޑިއާއިން މަދަދުވެރިވެ އަފްޣާން ނެޝަނަލް ސެކިއުރިޓީ ފޯސަސްއަށް ހަތިޔާރު ސަޕްލައި ކޮށްދޭ ކަމަށް ބުނެ މީޑިއާގައި ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ދިއްލީގައި ހުންނަ އަފްޣާން އެމްބަސީން ބުނެފި އެވެ.

"އެ ދައްކަނީ ދޮގު ވާހަކަތަކެއް،" އެމްބަސީ ތަރުޖަމާން މީޑިއާގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީޑިއާތަކުން ފަތުރަނީ ހަމަ ސީދާ ބުހުތާން ދޮގު ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާއިން ދެ ކާގޯ ބޯޓެއް ޖުލައި ދޭއްގައި އަފްޣާއަށް ދިއަ އެވެ. އަދި ހަތިޔާރާ ގުޅުން ހުރި ބައިތަކެއް އެ ބޯޓުތަކުން އުފުލި އެވެ. އެ ދެ ބޯޓު އެނބުރި އިންޑިއާއަށް ދިޔައީ ކަނދަހާރުގައި ހުންނަ އިންޑިއާ ކޮންސިއުލޭޓުން 50 އޮފިޝަލުން ގޮވައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓްރީން ޖުލައި 11 ގައި ބުނެފައިވާ ގޮތުން އަފްޣާންގައި ތިބި އިންޑިއާ އޮފިޝަލުން ގައުމަށް ގެންދިއައީ މަޝްރަހު ނުތަނަވަސްވެފައި އޮތުމުންނެވެ. ތާލިބާނުން ހިންގާ ހަމަނުޖެހުންތަކުން ގެއްލުމެއް ލިބިދާނެ ކަމަށް ބަލައިގެން އުޅުމަށް އިންޑިއާއިން ކުރިން ވެސް އޮތީ އަފްޣާންގައި ތިބި އިންޑިއާ މީހުންނަށް ނަސޭހަތްތެރިވެފަ އެވެ.

އިންޑިއާ ފޮރިން މިނިސްޓްރީ ތަރުޖަމާން އަރިންދަމް ބްގްޗީ ވިދާޅުވީ ކޮންސިއުލޭޓް މުޅިންހެން ހިންގަނީ އިންޑިއާ މީހުން ކަމަށާއި އޮފިޝަލުން ގައުމަށް ގެންދިއުމަކީ ވަގުތީ ކަމެއް ކަމަށެވެ. އަފްޣާން ހާލަތު ތަނަވަސްވާހާ އަވަހަކަށް ކޮންސިއުލޭޓަށް އޮފިޝަލުން ފޮނުވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތާލިބާނުން އަފްގާނިސްތާން ސަރުކާރުގެ ދިފާއީ ބާރުތަކަށް ދޭ ހަމަލާތަކާ ބެހޭ ގޮތުން އިންޑިއާއިން އަބަދު ވެސް ބުނަނީ މަޝްރަހު ކޮންޓްރޯލްކުރުމާއި ހަމަނުޖެހުންތަކަށް ހައްލުހޯދުން އަދި ސުލްހަވުމަށް ކުރެވެން ހުރި މަސައްކަތްތަކީ އަފްޣާނުން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަފްޣާން ސުލްހަކުރުމަށް އިންޑިއާއިން ވެސް ބާރުއަޅައިދޭނެ ކަމަށާއި ގުޅުންހުރި ގައުމުތަކާ މަޝްވަރާކުރާނެ ކަމަށެވެ.

އިންޑިއާ ފޮރިން މިނިސްޓާރު ސުބްރަމާނިޔަމް ޖައިޝަންކަރު ރަޝިއާއަށް މިދިއަ ހަރުތާގައި ކުރެއްވި ދަތުރުފުޅުގައި، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އަރިހުގައި ވެސް ދަންނަވާފައި ވަނީ އަފްޣާން މިނިވަން ގައުމެއް ގޮތުގައި އިންޑިއާ ދެކެން ބޭނުންފުޅުވާ ކަމަށެވެ.