ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮފީ ބޯނަމަ ކޮވިޑު ފުރުސަތު ކުޑަ!

އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން ހާމަ ވެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް އެއް ތަށި ނުވަތަ އެއަށް ވުރެ ގިނަ ތަށި ކޮފީ ބުއިމަކީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު 10 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ.

އެމެރިކާގެ ނޯތުވެސްޓާން ޔުނިވަސިޓީގެ ސައިންސްވެރިންގެ މި ހޯދުމުން އިތުރަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ތަރުކާރީގެ ބާވަތްތައް ގިނައިން ކެއުމާއި ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް ކެއުން މަދު ކުރުމަކީ ވެސް ކޮވިޑް އިންފެކްޝަންގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ކޮފީއަކީ އެންޓިއޮކްސިޑަންޓްސް އާއި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީޒް އެކުލެވޭ އެއްޗެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ބުއިމެކެވެ.

ޖާނަލް ނިއުޓްރިއަންޓްސްގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި ކޮފީ ބުއިމުން ހަށިގަނޑުގައި އިންފްލެމޭޝަނެއް އުފެއްދުމުގެ ފުރުސަތު ކުޑަވެ އެވެ. ކޮވިޑް-19 އިންފެކްޝަން ޖެހުނަސް ފުރާނައަށް ގެއްލުންވުން ނުވަތަ ވަރަށް ބޮޑުވަރު ވުމުން ސަލާމަތް ކުރުމަށް ކޮފީ މުހިއްމު ވަނީ އެހެންވެ އެވެ.

"ކޮފީ ބުއިމަކީ އުމުރުން ދުވަސްވީ މީހުންނަށް ނިއުމޯނިއާ ޖެހުމުގެ ނުރައްކާ ވެސް ކުޑަކޮށްދޭ ކަމެއް،" ސައިންސްވެރިން ބުނެފައި ވެއެވެ.

މި ދިރާސާ ކުރެއްވި ސައިންސްވެރިންގެ ޓީމުން އެނަލައިސް ކުރީ އިނގިރޭސި ވިލާތުގެ ބޮޑެތި މީހުންގެ 40،000 މީހެއްގެ ސިއްހީ ހާލަތެވެ. މިގޮތުން ބެލި ކަންތައްތަކުގެ ތެރޭގައި އެމީހުން އާންމުކޮށް ކައިބޮއި އުޅުނު ތަކެއްޗާއި އެ ތަކެތި ކައި ބޮއި ހެދި މިންވަރު ހިމެނެ އެވެ. ހާއްސަކޮށް ސައި، ކޮފީ، ތެޔޮ ގިނައިން ހުންނަ މަސް، ޕްރޮސެސް ކޮށްފައި ހުންނަ އެއްގަމު މަސް، ރެޑް މީޓް، މޭވާ އަދި ތަރުކާރީ ކައިފައި ހުރި މިންވަރު ވަޒަންކުރި އެވެ. އަދި އެމީހުންނަށް ކޮވިޑް ޖެހުނުތޯ އާއި ބަލި ޖެހުނު މީހުންގެ ހާލު ހުރި ގޮތް ވެސް ބެލި އެވެ.

މި ކަންކަން ބަލައި ކުރި ދިރާސާއިން ހާމަވި ގޮތުގައި ތަރުކާރީގެ ބާވަތްތައް (އަލުވި ފިޔަވައި) ކައްކައިގެންނާއި ރޮލާ ހުއްޓާ ބޭނުން ކުރި މީހުންނަށް ކޮވިޑް-19 އިގެ ނުރައްކާ ވަރަށް ކުޑަ އެވެ.

ޕްރޮސެސް ކޮށްފައި ހުރި އެއްގަމު މަސް ވަރަށް ކުޑަކޮށް ބޭނުންކުރި މީހުންނަށް ވެސް ކޮވިޑް-19 ޖެހި ބޮޑުވަރުވި ކަން ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ރެޑް މީޓް ކެއުމަކުން ނުރައްކާ އިތުރުވި ކަމަކަށް ނުދައްކާ ކަމަށް ވެއެވެ.

"މި ދިރާސާއިން ޔަގީންވީ ކަމަކީ ކެއިން ބުއިމުގެ އާދަތަކާއި ކޮވިޑް-19 ޖެހުމާއި ބޮޑުވަރުވުމާ ވަރަށް ބޮޑު ގުޅުންތަކެއް ހުރިކަން. ޕްރޮސެސް ކޮށްފައި ހުންނަ އެއްގަމު މަސް ނުކެއުމާއި ތަރުކާރީ ފަދަ ތަކެތި ގިނައިން ކެއުމުން ބަލީގެ ނުރައްކާ ކުޑަވާކަން،" ދިރާސާ ރިޕޯޓުގައި ވެއެވެ.