އަބްދުއްރަހީމް އަބްދުﷲ

ޕާޓީ ހަދަނީ އެއްގޮތެއްގައި ނުތިބެވިގެން އުޅޭ ބަޔަކު: އަބްދުއްރަހީމް

ސިޔާސީ ޕާޓީއެއް އުފެއްދަން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް އިރަކު އެއްގޮތެއްގައި ތިއްބެވޭ ބޭފުޅުންނަށް ނުވާތީ އެ މަސައްކަތުގައި އެ ބޭފުޅުން ރަނގަޅަށް ފެއިލްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިވަގުތު ފައްޓަވާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމާއި، ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީނެވެ.

ނާޒިމް އުފައްދަވާ ޕާޓީގެ މަސައްކަތްތަކުގައި މަޖިލީހުގެ ބައެއް މެބްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީ ހެދުމަކީ އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އަސާސީ ހައްގެއް ކަމަށެވެ. އެކަމަކު އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ އެއްގޮތެއްގައި ދެމިތިއްބެވޭ ބޭފުޅުންނަށް ނުވާތީ ފަށާ އެ މަސައްކަތް ފެއިލް ވާނެ ކަމަށެވެ.

"އެބޭފުޅުން މިހާރު ކިތައް ޕާޓީއާއެކު ކިތައް ބޭފުޅުންނާއެކު މަސައްކަތް ކުރެއްވިތޯ ބަލާބަލަ؟ އޭރުން އެނގޭނެ އަޅުގަނޑު މިދެންނެވި ގޮތަށް އެއް ގޮތެއްގައި ނުހުންނެވޭކަން،"

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ މިހާރުގެ އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާއެކު ވެސް ބައެއް މަސައްކަތްތައް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން އުފައްދާ ސިޔާސީ ޕާޓީގެ ސަބަބުން އިދިކޮޅު ކޯލިޝަނަށް ލިބޭނެ އެއްވެސް ދެރައެއް ވެސް ގެއްލުމެއް ވެސް ނޯންނާނެ ކަމަށެވެ.

ސިޔާސީ ޕާޓީ އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މިވަގުތު ތިއްބެވި ބޭފުޅުން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ރައްޔިތުން އެދޭ ކަންކަން ނުކޮށްދެވޭއިރު އެމަނިކުފާނާއެކު ތިއްބަވާ ބޭފުޅުން އުފައްދާ ސިޔާސީ ޕާޓީއެއްގެ ސަބަބުން އިދިކޮޅު ކޯލިޝަން ހީނަރުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާބިތުވެ މިތިބީ ރައީސް އަބްދުﷲ ޔާމީނާއެކު. ތިޔަ ވިދާޅުވާ ބޭފުޅުންގެ ސަބަބުން އަޅުގަނޑުމެންގެ އިދިކޮޅު ކޯލިޝަން އިތުރަށް ވަރުގަދަ ވާނީ. އަޅުގަނޑުމެން އެކަތިގަނޑަކަށް ވެގެންދާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއަކީ ރައީސް ސޯލިހު އަޑީގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކެއް ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު ރައީސް ސޯލިހު ވެސް އަދި ނާޒިމް ވެސް އެ މައްސަލާގައި އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.