އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މަހިބަދޫ އަށް ތައާރަފް ކޮށްފި އެވެ.
މަހިބަދޫ އަށް އުރީދޫ އިން މި ހިދުމަތްތައް ތައާރަފް ކޮށްފައި ވަނީ އެކެއް ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކެއްގެ ދަށުންނެވެ.
މީގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މަހިބަދޫއިން މިހދުމަތް ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެ އެވެ. ހަމަ އެހެންމެ ސުޕަނެޓް 50 އެމް އަދި 100 އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓް އަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްތަމަރުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ އުރީދޫ އިން ޕެކޭޖްތަކާއި ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުގެ މަތިން ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށެވެ. އަދި ކުރިއަށް އޮތަ ތަނުގައިވެސް ކަންކޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ދިރާގުން މިފަހުން ގެނައި އަޕްޑޭޓާއި އެކު 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓް އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ. މީގެ އިތުރުން ސުޕާނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ އެވެ.