ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަނީ

ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައި ވާކަން އިއުލާނު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާނުން ކޮވެކްސް ފެސިލިޓީގެ ދަށުން 10 ގައުމަކަށް 11 މިލިއަން ވެކްސިން ޑޯޒް ފޯރު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ޖަޕާނުން ވެކްސިން ފޯރުކޮށްދިނުމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ނަމަވެސް އެ ގައުމުން ހަދިޔާ ކުރަނީ ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް އަދި ކިތަށް ޑޯޒް ކަމެއް ސާފެއް ނޫނެވެ.

މިކަމުން ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ އިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ ދަށުން ނޫނަސް، ދިވެހި ސަރުކާރުން އަންނަނީ ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.ރާއްޖޭގައި މިހާރުވެސް ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު، ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޯފާމް ވެކްސިންއާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.