ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ އެއް ބާނީ ކަމަށްވާތީ އިތުރު ސިޔާސީ ޕާޓީއެއް ހެދުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ އަކީ ރައީސް ސޯލިހް އަޑީގައި ހުންނަވައިގެން އުފައްދާ ޕާޓީއެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެވެ.
އަވަސް އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ ބާނީއެއް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހް އެހެން ޕާޓީއެއް އުފައްދަން އެހީތެރިކަމާއި އެއްބާރުލުން ނުދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހް އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި. އެމަނިކުފާނަކީ އެމްޑީޕީއަށް މުހިއްމު ހިދުމަތްތަކެއް ކުރެއްވި އެ ޕާޓީގެ އެއް ފައުންޑަރުމުހައްމަދު މަބްރޫކް އަޒީޒު | ރައީސް އޮފީހުގެ ތަރުޖަމާން
ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތަށް މިއަދުވެސް މަބްރޫކް ވިދާޅުވީ ރައީސް ސޯލިހުގެ އަމާޒު މިވަގުތު ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވުމަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އިތުރު ސިޔާސީ ޕާޓީއެއް އުފައްދަން އުޅުއްވާ ކަމާއި އެކަމުގައި ބަޔަކަށް އެހީތެރިވާ ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބަޔަކަށް ރައީސް ސޯލިހް އެހީތެރިވަމުންދާ ކަމަށް ބުނާ އަޑުތައް ގަދަވެފައި މިވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އިއުލާން ކުރައްވާފައި ވަނިކޮށެވެ.