ދުނިޔެ

އުރުދުޣާން ތިޔަ ހެއްދެވީ ގޯހެއް: ތާލިބާނުން

އަފްޣާނިސްތާނުން އެމެރިކާ ސިފައި ފައިބައިގެން ދިއުމުން ކާބުލް އެއާޕޯޓްގެ ސެކިޔުރިޓީ ބަލަހައްޓާނެ ބަޔަކާ މެދު އޮތީ ކަންބޮޑުވުން އުފެދިފަ އެވެ. މިކަމާ ގުޅިގެން ތުރުކީ ބުނީ އެއާޕޯޓް ބެލެހެއްޓުމުގައި އަފްޣާން ނެޝަަނަލް ސެކިޔުރިޓީ ފޯސަސްއަށް އެހީތެރި ވެދެވިދާނެ ކަމަށާއި އަސްކަރީ ފައުޖެއް ފޮނުވަން ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އެމެރިކާއާ ތުރުކީއާ ދެމެދެ ކުރެވުނު މަޝްވަރާއެއްގައި ތުރުކީން ކުރިން ދެއްކި ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ކާބުލް އެއާޕޯޓް ބަލަހައްޓަން ސިފައިން ފޮނުވިދާނެ ކަމަށް އެއްބަސްވި އެވެ. މި ވާހަކަތައް ފެތުރިގަތުމާއެކު ތާލިބާނުން ރަތަށް އަރައި ފަރުބަދަތަކުގައި ދެތިން އިއުލާނެއް ތަތްކޮށްލި އެވެ.

ތުރުކީއަށް ތާލިބާނުން ދޭން ބޭނުންވާ މެސެޖަކީ އަދި ނަސޭހަތަކީ ވެސް އަފްޣާން ބިމުގައި އަސްކަރީ މަރުކަޒެއް އަސްކަރީ ބާރުވެރިކަމެއް ގާއިމު ނުކުރުމެވެ. އަދި ބުނީ އުރުދުޣާން ސަރުކާރުން ގޯހެއް ހަދައިފި ކަމަށާއި މާބޮޑަށް ލަސް ނުވަނީސް ދެވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރި ކަމަށެވެ.

ތާލިބާނުން ބުނީ ކޮންމެ ބަޔަކު އަފްޣާންގައި ތިބި ނަމަވެސް ބަލާނީ އެއީ ގައުމު ހިފަން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އެބަޔަކާ ދެކޮޅަށް އެ ހާލަތަކަށް އެކަށީގެންވާ އަސްކަރީ އުކުޅާއި ހަތިޔާރާއި ބޭނުން ކުރާނެ ކަމަށެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިއަ ނަމަވެސް 600 އަށް ވުރެ ގިނަ ޚިދުމަތްތެރިން ވެރިރަށް ކާބުލްގައި މަޑުކުރާނެ އެވެ. އަފްޣާންގައި ސުލްހަ ގާއިމު ކުރުމަށާއި ބޭރު އެހީ ހޯދުމަށް މި އޮފިޝަލުން މަސައްކަތް ކުރާނެ އެވެ.

ތާލިބާނުން ބުނީ އަފްޣާންގެ 85 ޕަސެންޓް އޮތީ އެމީހުންގެ އަތްދަށުގައި ކަމަށެވެ. އެހެން ނަމަވެސް އަފްޣާން ސަރުކާރުން އެކަން ދޮގު ކުރެ އެވެ.