އަބްދުﷲ ކަމާލުއްދީން

ކޮމިޝަނުން ގޮތް ނިންމީ ބަލަންވާވަރަށް ނުބަލާ: ކަމާލުއްދީން

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް، އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވަނީ ބަލަންވާވަރަށް ނުބައްލަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން މިއަދު ހުށަހެޅުއްވި ބާތިލްކުރީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވިއިރު އޭނާގެ ނަން އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި އެބައޮތެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅޭ ގޮތަކުން ނޫން މިއޮންނަނީ. އެއްވެސް ޕާޓީއެއްގައި މެންބަރެއްގެ ގޮތުގައި ނެތް ބޭފުޅަކަށް ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވޭނީ،" ފުއާދު ވިދާޅުވި އެވެ.

އެ ނިންމުމާއި ގުޅިގެން ކަމާލުއްދީން ވަނީ އޭނާ އެމްއާރްއެމްއިން ވަކިވާން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ޕާޓީގެ ރަޖިސްޓްރާއަށް ފޮނުއްވި ސިޓީ އާންމުކުރައްވާފައެވެ. އަދި ވިދާޅުވީ ކޮމިޝަނުން ގޮތް ނިންމީ ބަލަންވާވަރަށް ނުބައްލަވާ ކަމަށެވެ.

"ޖޫން 30 ވަނަ ދުވަހު އަޅުގަޑު އެމްއާރުއެމް އިން ވަނީ ވަކިވެފައި. ބައްލަވަންވީ ވަރަށް ނުބައްލަވާ ރައްޔިތެއްގެ ހައްގު ހިފެހެއްޓެވި ކަމާމެދު ހިތާމަ ކުރަން،" ކަމާލުއްދީން ވިދާޅުވިއެވެ.