އެމްއާރުއެމް

އޭކޭ ވަކިކޮށްދޭން ހުށައަޅައިފިން: އެމްއާރްއެމް

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ދަފްރަތުން އުނިކޮށް ދެއްވުމަށް އެދި އިލެކްޝަން ކޮމިޝަނަށް މިރޭ ސިޓީ ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރުމާއި ގުޅިގެންނެވެ. އެ ކޮމިޝަނުން އެ ނިންމުން ނިންމީ އެމްއާރްއެމްގެ ދަފްތަރުގައި ކަމާލުއްދީންގެ ނަން އޮތުމުންނެވެ.

ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމްއާރްއެމްއިން ވަކިކޮށްދެއްވުން އެދި ކަމާލުއްދީން ވަނީ އެ ޕާޓީގެ ރަޖިސްޓްރާއަށް ސިޓީއެއް ފޮނުއްވާފައެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް މިރޭ ވިދާޅުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމާލުއްދީންގެ ސިޓީ ލިބިފައިވާ ކަމަށާ އެމްއާރްއެމްގެ ދަފްތަރުން އޭނާގެ ނަން އުނިވެފައި ނެތީ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ނުކުރެވި އޮތުމުން ކަމަށެވެ.

"މިހާރު ވާނީ އޭކޭ [އަބްދުﷲ ކަމާލުއްދީން] ގެ ނަން އުނި ކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި،" 

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން މިއަދު ހުށަހެޅުއްވި ބާތިލްކުރީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވިއިރު އޭނާގެ ނަން އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި އެބައޮތެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅޭ ގޮތަކުން ނޫން މިއޮންނަނީ. އެއްވެސް ޕާޓީއެއްގައި މެންބަރެއްގެ ގޮތުގައި ނެތް ބޭފުޅަކަށް ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވޭނީ،" ފުއާދު ވިދާޅުވި އެވެ.

އެ ނިންމުމާއި ގުޅިގެން ކަމާލުއްދީން ވަނީ އޭނާ އެމްއާރްއެމްއިން ވަކިވާން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ޕާޓީގެ ރަޖިސްޓްރާއަށް ފޮނުއްވި ސިޓީ އާންމުކުރައްވާފައެވެ. އަދި ވިދާޅުވީ ކޮމިޝަނުން ގޮތް ނިންމީ ބަލަންވާވަރަށް ނުބައްލަވާ ކަމަށެވެ.

"ޖޫން 30 ވަނަ ދުވަހު އަޅުގަޑު އެމްއާރުއެމް އިން ވަނީ ވަކިވެފައި. ބައްލަވަންވީ ވަރަށް ނުބައްލަވާ ރައްޔިތެއްގެ ހައްގު ހިފެހެއްޓެވި ކަމާމެދު ހިތާމަ ކުރަން،" ކަމާލުއްދީން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ކަމާލުއްދީން އެމްއާރްއެމްގެ ދަފްތަރުން އުނިކޮށް ދިނުމަށް އެދި އެ ޕާޓީން ސިޓީ ފޮނުވާފައިވާ ކަމަށް މިރޭ ބުނެފައެވެ.