ލައިފްސްޓައިލް

ތިންބެއިން ގަޔަށް ހޮނުއެޅީ ސެލްފީ ނަގަނިކޮށް

އިންގްލެންޑްގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ތިން ބޭނުންނަށް ވަރަށް ބޮޑަށް ޝޮކެއް ލިބޭ ފަދަ ހާދިސާއެއް މިދިޔަ ހޯމަ ދުވަހު ކުރިމަތިވެއްޖެ އެވެ. މި ހާދިސާގައި ތިން ބެއިންގެ ގަޔަށް ހޮނުއެޅުމުގެ ސަބަބުން އެކުދިންގެ ގައިގައި އެތަން މިތަން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

މި ކުދިންގެ ގަޔަށް ހޮނުއެޅި ބިރުވެރި މަންޒަރު އެކުދިންގެ ފޯނުން ނެގިފައި ވެއެވެ. މި މަންޒަރު އެހާ ރީތިކޮށް ނެގުނީ ގަހެއްގައި ދަށުގައި އެ ވަގުތު އެ ތިންބެއިން ތިބީ ސެލްފީ ނަގަން ކަމަށް ވާތީ އެވެ.

ރަކޭލް، އިސޮބެލް އަދި އެންޑްރޫ ޖެބްސަންގެ ގަޔަށް ހޮނުއެޅިނަމަވެސް އެކުދިންގެ ނަސީބު ގަދަކަމުން ފުރާނަ ސަލާމަތްވި އެވެ.
އިންގްލެންޑްގެ އީސްޓް މޯލްސޭގައި ދިރިއުޅޭ މި ކުދިން އެ ދުވަހު ނުކުމެ އުޅުނީ ބައިސްކަލް ދުއްވާށެވެ. ތޫފާނެއް ލައި ގަތީ މި ކުދިން ބައިސްކަލް ދުއްވަމުން ދަނިކޮށް ކަމަށް ބީބީސީގައި ރިޕޯޓެއްގައި ވެއެވެ.

ތޫފާނުގެ ގަދަވަޔާއި ވިއްސާރައިން ސަލާމަތްވާން އެކުދިން މަޑުކޮށްގެން ތިބީ ބިޔަ ގަހެއްގެ ދަށުގަ އެވެ. އެހެން ތިބެގެން ތިން ކުދިން މަޖަލަށް ސެލްފީ ނަގަމުން ގެންދިޔައީ އެވެ. އެ ކުދިންގެ ގަޔަށް ހޮނުއެޅިއިރު ވެސް އެއް ކުއްޖަކު ހުރީ ސެލްފީ ނަގަން ކަމުން އެ މަންޒަރު ވެސް ނެގުނީ އެވެ.

"އަހަރެމެން ތިން ބޭން ހެވިފައި ތިބި ފޮޓޮއެއް އަހަރެން އެ ވަގުތު ނެގީ. ދެން އަހަރެމެން ބޭނުމީ ވާރޭ ތެރޭގައި ވަރަށް ދެރަވެފައި ތިބި ގޮތަށް ދައްކައިގެން ފޮޓޮއެއް ނަގަން،" ބީބީސީ އަށް ދިން އިންޓަވިއު އެއްގައި އިސޮބެލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސެލްފީ ނަގަން ހުއްޓާ ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުމާއެކު އޭނާ ބިންމައްޗަށް ވެއްޓުނީ އެވެ. ބޫން އަޑުފައްގަނޑެއް އޭރު އިވެމުދިޔަ ކަމަށާއި އެހެން އެއްވެސް އަޑެއް އޭނާ އަށް އެވަގުތު ނީވޭ ކަމަށް ވެސް އިސޮބެލް ބުންޏެވެ.

"މަގޭ ކަނާއަތް މުޅިން އޮތީ އައްސިވެފައި. އެއަތް އެއްގޮތަކަށް ވެސް ހަރަކާތެއް ނުކުރެވޭ،" އިސޮބެލް ބުންޏެވެ.
މިހާރު މި ކުދިންނަށް ފަރުވާކޮށް ރަނގަޅުވެގެން ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.

އިސޮބެލްގެ ތިން ބޭންގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ގަޔަށް ހޮނުއަޅަން މެދުވެރިވީ މިދިޔަ އަހަރު އޭނާ ބައިސްކަލްގައި ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި އިސޮބެލްގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން އަތަށް ލައްވާފައި އިން ޓައިޓޭނިއަމް ޕްލޭޓް އެއްގެ ސަބަބުންނެވެ.