ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެންގުޅެނީ ފަތުހުﷲ ޖަމީލުގެ ސިޔާސަތު: ރައީސް

މި ސަރުކާރުން ވެސް ގެންގުޅެމުންދަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލު ގެންގުޅުއްވި ސިޔާސަތުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވީ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ފަތުހުﷲ ޖަމީލު ބިލްޑިންގަށް ބަދަލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފަތުހުﷲ ޖަމީލު ފޮރިން މިނިސްޓަރަކަށް ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި މަސައްކަތްތައް ރައީސް މިއަދު ފާހަގަކުރެއްްވި އެވެ.

"މީގެ 43 އަހަރު ކުރިން 1978 ވަަނަ އަަހަރުން ފެށިގެން 27 އަހަރު ވަންދެން އެމަނިކުފާނު ހާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ދިވެހިރާައްޖޭގެ ނަން ބައިނަލްއަގުވާމީ މަސްރަހުގެ އެންމެ އުހަށް އުފުލައިދެއްވި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބި ހޭދަވި 56 އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު މިނިވަންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމްކޮށް ދެމެހެއްޓުން ކަމަށެވެ. އަދި ރާއްޖެގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ އެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

"ފަތުހުﷲ ޖަމީލުގެ ހާރިޖީ ވަޒީރުކަމުގައި ވެސް އެންމެ ބޮޑު އިސްކަމެއްް ދެއްވީ މި ދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަަށްޓަކައި ބައިނަލްއަގުވީ މަސްރަހުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް. މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މި އަންނަނީ ހަމަ އެ ސިޔާސަތު" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިވެފައިކަން ފާހަގަކުރައްވައި ކުރީގެ ހާރިޖީ ސިޔާސަތަށް ރައީސް ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ވަރަށް ބޮޑަށް ނުރައްކާވިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ މުހިންމު ސިޔާސަތަކަށް ހެއްދެވީ ރާއްޖޭގެ މިނިވަންކަމަށާއި ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

"ރާއްޖެއިން އަަބަދުވެސް ވަކާލާތުކުރާނީ ކޮންމެ ގައުމެއްވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް. ރާއްޖެއިން އަބަދުވެސް އަޑުއުފުލާނީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އެއްވެސް ތަފާތުކުރުމެއް ނެތި އިންސާނި ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް. ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ ޑިމޮކްރަސީއާއި ސުލްހައަށް އިސްކަންދިނުމުގެ ސިޔާސަތު ރާއްޖެއިން ގެންގުޅޭ ހަމަތަކާއި ސިޔާސަތުތައް މުޅި ދުނިޔެ ބަލައިގެންފި،" ރައީސް ސޯލިހް ވިދާޅުވި އެވެ.