ފޮރިން މިނިސްޓްރީގެ އައު އިމާރާތް ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވީ ފަތުހުﷲ ޖަމީލް ހަދިޔާ ކުރެއްވި ޓައީ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި، މުއުތަސިމް ފޮރިން މިނިސްޓްރީގައި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ވަކިވެވަޑައިގެންނެވި ދުވަހު އެ މިނިސްޓްރީގެ މުވައްޒަފުން އެ މަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީއެކެވެ. އެ ޓައީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލު ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް އައު ކުރުމަށް ފަހު ފަތުހުﷲ ޖަމީލްގް ނަމުގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ އެ ޓައީ ތުރުކުރައްވައިގެންނެވެ.
އެ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ނާޝިދު ވިދާޅުވީ "އެއީ ހާރިޖީ ޓީމަކީ، އެއީ ހާރިޖީ ފެމިލީ އަކީ،" ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ ބޭފުޅުންގެ މުޅި ވިސްނުމާއި ގުޅުން އޮންނާނީ ހަމައެކަނި މަގާމުގައި ތިބޭއިރަކު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފަތުހުﷲ ޖަމީލް އުއްތަމަ ފަޑިޔާރަށް ހަދިޔާ ކޮށްފައިވަނީ ކަޅު ރަތްކުލައިގެ ޓައީ އެކެވެ. އޭގައި ދެ ފަރާތަށްވާގޮތަށް ހުރީ ރަތުގެ ދެ ކުލައަކުން ތުނޑު ރޮނގުތަކެކެވެ.
ފަތުހުﷲ އަކީ ރާއްޖޭގައި ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މެދުކެނޑުމެއް ނެތި އޭނާ 27 އަހަރު ހިދުމަތްކުރެއްވި އެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖޭގެ ފޮރިން މިސްޓަރު ކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނެވި އެވެ.