އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ތިމާވެއްޓަށް ދެއްވާ އަހައްމިއްޔަތުކަން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އދ.ގެ ކޮމިޓީއެއްގައި ފާހަގަކުރައްވައިފި އެވެ.
ޝާހިދު މިކަން ފާހަގަކުރައްވާފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ސެކަންޑް ކޮމިޓީގެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި އޮންނަ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކޮމިޓީ (ސެކަންޑް ކޮމިޓީ)ގެ ރިޔާސަތު ބަލަހައްޓަވަނީ މޯލްޓާގެ ވެނެސާ ފްރެޒިއާ އެވެ.
ޝާހިދު ވަނީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާ އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ހިއްސާކުރެއްވި ވާހަކަފުޅެއް ވިދާޅުވެފަ އެވެ. އެގޮތުން ޝާހިދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބަދުވެސް އޮފީހުގެ ބޮކިތައް ނިއްވާލައްވައި، ދުވާލު ގަޑީގައި ކަރަންޓު ބޭނުންކުރެއްވުމުގެ ބަދަލުގައި އިރުގެ އަލިކަން ބޭނުންކުރެވެން އޮތް ނަމަ އެގޮތް އިޚްތިޔާރު ކުރައްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވީ ނަމަވެސް އުއްތަމަ ފަނޑިޔާރު އެކަން ކުރައްވަނީ އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގެން ކަމަށެވެ. އެފަދަ ކުޑަ އަމަލެއްގެ ސަބަބުން ވެސް ބޮޑެތި ނަތީޖާ ނެރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ޝާހިދު ވަނީ އދ.ގައި އަދި ސެކަންޑް ކޮމިޓީގައިވެސް ހަރުދަނާ ބަދަލެއް ގެނައުމަށްޓަކައި މެމްބަރު ގައުމުތަކުން ކިތަންމެ ކުޑަނަމަވެސް ކޮށްދެވެން ހުރި ކަންތައްތަކާ ދޭތެރޭ ވިސްނާލުމަށްވެސް އެދިވަޑައިގެންފަ އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ މުހިއްމު އިތުރު ހަތަރު ކަމެއްވެސް ފާހަގަކުރައްވާފަ އެވެ. އެއީ ކޮވިޑް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފިލުވުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލްކުރުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. މީގެއިތުރުން އާމްދަނީ މަދުން ލިބޭ ގައުމުތަކުގައި އާ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހުރި ހުރަސްތައް ފިލުވުމާއި، މާލީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް ގައުމުތަކަށް މާލީ އެހީތެރިކަމާއި ފައިސާ ލިބުމުގައި ހުރި ދަތިތައް ފިލުވާލުމަށްވެސް ގޮވާލެއްވި އެވެ.