ކުޅުދުއްފުށި ސިޓީ

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި

އުތުރުގެ ތިން ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަަދު ކުޅުއްފުށި ސިޓީއަށް ވަޑައިގެންފި އެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހުއްޓިފައި އޮތް ރައީސްގެ އަތޮޅު ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ރަށެވެ. ރައީސްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ސިޓީގެ ކައުންސިލް މެންބަރުންނާއި އާންމުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސްގެ ދެ ކަނބަލުންނަށް ކުޅުއްފުށީ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ކުޅުދުއްފުއްޓަށް ވަޑައިގެން ރައީސް ވަނީ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. އެ ހޮސްޕިޓަލަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން އިތުރަށް ތަރައްގީ ކޮށްފައިވާ ހޮސްޕިޓަލެކެވެ. ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީވެސް ބައެއް ރީޖަނަލް ހޮސްޕިޓަލްތަކަށް ގެނެސްދެއްވި ބަދަލު ތަކެކެވެ.

ރައީސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވާ ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި ހޮސްޕިޓަލްގެ އެކި މައުލޫމާތުތައް އޮޅުން ފިލުއްވެވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހަނިމާދޫ އާއި އެ އަތޮޅު ކުމުންދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި ބައެއް އެހެން ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.