އުތުރުގެ ކުޅުދުއްފުށި ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަޑައިގެންނެވި ވަގުތާއި ދިމާކޮށް އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ އެ ރަށުގެ ބައެއް އާންމުން އިހުތިޖާޖުކޮށް އަޑުއުފުލައިިފި އެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ސޯލިހްގެ ދެކަނބަލުން މިއަދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް އެތައް ބަޔަކު އެއްވެ ތިބިއިރު އެއާޕޯޓްގެ ބޭރުގައި ތިބެގެން އިިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ސޯލިހާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފައެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ ގައުމުގެ ހާލަތު ނާޒުކުކޮށްފައިވާ ކަމަށް ބުނެ ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި މިވަގުތު ފަސް އަހަރުގެ ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލާ އަޑުއުފުލާފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާ އެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެވެސް އަޑުއުފުލާފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ބައިބައިވުމުގެ އަސްލަކީވެސް ރައީސް ސޯލިހު ކަަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ވަނީ ފާޑުކިޔާފައެވެ.
އިހުތިޖާޖުގެ ބައިވެރިން ހަރު އަޑުން އަޑު އުފުލަމުން ގެންދިޔަނަމަވެސް ރައީސް ސޯލިހް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެމަނިކުފާނު އެއާޕޯޓުން ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރެއްވިއެވެ. އަދި ހޮސްޕިޓަލަށް ގެނެސްފައިވާ ބަދަލުތައް ބައްލަވާ ލެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހަނިމާދޫ އާއި ކުމުންދޫއަށްވެސް ވަޑައިގަންނަވާނެ އެވެ. ހަނިމާދޫއަށް ވަޑައިގަންނަވާއިރު އެ ރަށުގެ ރައްޔިތުންގެވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އެއާޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި އެ ރަށުން އަށްލައްކަ އަކަފޫޓްގެ ބޮޑު ބިމެއް ނަގަން ނިންމާފައިވާ މައްސަލާގައި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.
އެކަން ހުއްޓާލުމަށް ގޮވާލާ ގިނަ ބަޔަކު ސޮއިކޮށް ރައީސަށް ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައެވެ.