"އޭއެމް-އާރްބީ 003 ކޮންސެޕްޓް" ގެ ނަމުން މީގެ ދެ އަހަރު އެސްޓަން މާޓިން ވަނީ އެ ކުންފުނިން އޭރު އުފއްދަމުން ދިޔަ ހައިބްރިޑް ސުޕަ ކާރެއް ދައްކާލާފަ އެވެ. މިހާރު މިވަނީ އެ ކާރު އުފައްދާ ނިންމާ "އެސްޓަން މާޓިން ވަލްހާލާ" ގެ ނަމުގައި ދައްކާލާފަ އެވެ.
ކާރު އުފައްދާ އިނގިރޭސި ކުންފުނި އެސްޓަން މާޓިންއިން މި ކާރު ދައްކާލާފަ ވަނީ މި މަހު ބޭއްވި ބްރިޓީޝް ގްރޭންޑް ޕްރީގެ ތެރެއިންނެވެ. އެއާއެކު މި ގްރޭންޑް ޕްރީގައި އެސްޓަން މާޓިންއިން 60 އަހަރަށް ފަހު މި ފަހަރު ބައިވެރި ވެއެވެ.
ވަލްހާލާއަކީ 937 ހޯސްޕަވަރުގެ ވަރުގަދަ އެހާ ހަލުއި ކާރެކެވެ. ޓޮޕް ސްޕީޑަކަށް ގަޑިއަކު 350 ކިލޯމީޓަރަށް ދުވާ މި ކާރު ގަޑިއަކު 100 ކިލޯ މީޓަރުގެ ސްޕީޑު ލިބިގަތުމަށް ނަގަނީ އެންމެ 2.5 ސިކުންތެވެ. މިކަން ވަލަހާލާއިން ހާސިލު ކުރަނީ 740 ހޯސްޕަވަރުގެ "ޓްވިން ޓާބޯ ވީ-8" އިންޖީނަކާއެކު ކަރަންޓު މޯޓަރު ތަކެއް ބޭނުން ކޮށްގެންނެވެ.
ވަރުގަދަ އިންޖީނަކާއި މި ކާރުގެ ޑިޒައިންގެ ސަބަބުން މި ކާރަކީ އޭރޯ ޑައިނަމިކްސް ވަރަށް ފުރިހަމަ ކާރެކެވެ. އަދި މިކާރުގެ ބޮޑީ އުފެއްދުމަށް ބޭނުން ކޮށްފައި ވަނީ މައިގަޑު ގޮތެއްގައި ކާބަން ފައިބާ އެވެ. މީގެ ސަބަބުން މި ކާރަކީ ވަރަށް ލުއި ކާރެކެވެ. ކާރުގެ ބަރުދަނަކީ 1550 ކިލޯއެވެ.
އެސްޓަން މާޓިންއިން ބުނާ ގޮތުގައި މި މޮޑެލްގައި އުފައްދާނީ މަދު އަދަދެއްގެ ކާރެކެވެ. އެހެން ކަމުން ލަފާ ކުރެވެނީ މި ކާރުގެ އަގު ވަރަށް ބޮޑުވާނެ ކަމަށެވެ.