ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި އަދި ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ހިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ އެ ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ހާއްސަ ގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ ފަސް ސަރަހައްދުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެ ކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮސްޕިޓަލްގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި ހަ އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން ގިނަ އައު ހިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތައަރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން އާއި ސްޕީޗް ތެރެޕީގެ ހިދުމަތްފަދަ ގިނަ އައު ހިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަ ކުރުމަށް ހުޅުވާލުމުގެ މަރުހަލާގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ހިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.