އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަޅަން ހުުޅުވާލި ފަހުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ކަމަށް އެ އޮފީހުން ބުނެފި އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި އެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.
އެ އޮފީހަށް މައްސަލަ ހުށަޅަން ހުުޅުވާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 13 އާ ހަމައަށް 59 މައްސަލަ ހުށަހަޅާފައިވެ އެވެ.
ހުށަހެޅި މައްސަލަތަކުގެ ތެރެއިން 54 ޕަސެންޓަކީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަ އެވެ. އެއަށް ފަހު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަކެވެ. އެއީ 20 ޕަސެންޓެވެ.
ދެން އެންމެ ގިނައިން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މުދަލާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ތައުލީމުން މަހުރޫމުވުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ހިމެނެ އެވެ.
އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވާ ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް މީގެ ކުރިން ވިދާޅުވީ އިންސާފު ހޯދަން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލައި ކުރިއަށް ގެންދިއުމާ މެދު 15 ދުވަސް ތެރޭ ގޮތެއް ނިންމަވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން ބަލާނެ ހުށަހެޅި ޑޮކިއުމަންޓްތައް ވެރިފައި ކުރުމުގެ މަސައްކަތް. ދެން ނިންމާނީ އެއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ" ސަލާމް ކުރިން ވިދާޅުވެފައިވެ އެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.