ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހދ. ގެ ބައެއް ރަށްރަށަށް ކުރާ ދަތުރުފުޅުގައި ކުޅުދުއްދުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުލުހުންގެ އާ ގާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ފުލުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓާޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންވަނީ ގާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައި ކަމަށްވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވެއްޖެ ކަމަށާއި އާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށެވެ.
ކުޅުދުއްފުށީގެ އިތުރުން މި ދަތުރުފުޅުގައި ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.