ދުނިޔެ

އެމެރިކާއިން އިންޑިއާއަށް ދެ ހެލިކޮޕްޓަރު ހަވާލުކޮށްފި

އެމެރިކާއިން ދެ ހެލިކޮޕްޓަރު އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލުކޮށްފި އެވެ. މިއީ ސިކޯސްކީ އެމްއެޗް-60 ރޯމިއޯ – ލޮކްހީޑް މާޓިން އެމްއެޗް60 އާރު މަރުކާގެ ދެހެލިކޮޕްޓަރެވެ. އިންޑިއާ ކަނޑުގެ ސިފައިން ކުޅަދާނަ ކުރުމަށްޓަކައި މި މަރުކާގެ 24 ހެލިކޮޕްޓަރަށް އިންޑިއާ އޮތީ އޯޑަރުދީފަަ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެލިކޮޕްޓަރުތައް ހަވާލު ކުރުން އޮތީ އެމެރިކާގައި ކަމަށެވެ. އަދި ހެލިކޮޕްޓަރު ދުއްވަން އިންޑިއާ މީހުން ސަން ޑިއޭގޯގައި ތަމްރީން ކުރާނެ ކަމަށެވެ.

މި މަރުކާގެ ހެލިކޮޕްޓަރުތައް އުފައްދަނީ އެމެރިކާގެ ލޮކްހީޑް މާޓިން ކޯޕޮރޭޝަނުންނެވެ. މިއީ ވެދާޕްރޫފް – މޫސުމީ ބަދަލުތަކަށް ކެތްތެރި އުޅަނދެކެވެ. އެއްފަހަރާ އެތައް އަމާޒަކަށް ހަމަލާދިނުމުގެ ގާބިލުކަން ހެލިކޮޕްޓަރުތަކުގައި ހުރެ އެވެ.

އިންޑިއާއަށް ހެލިކޮޕްޓަރުތައް ގެންދިއުމުގެ ކުރިން އިންޑިއާއިން އެދޭ އާލާތްތަކެއް ހެލިކޮޕްޓަރުތަކުގައި އަޅުވައި އުޅަނދަށް ބަދަލުތަކެއް ގެންނާނެ އެވެ. ޒަމާނީ އޭވިއޯނިކްސް ސެންސަރުތައް ހިމަނައި ކުރިއަރާފައި ހުރި ހަތިޔާރު ބޭނުން ކުރެވޭ ގޮތް ވެސް ހަދާނެ އެވެ.

އިންޑިއާގެ ނޭވީގައި ދުވަސްވީ އުޅަނދު ގިނަވުން ވަނީ ބޮޑު ތަކުލީފަކަށް ވެފަ އެވެ. އާ ހެލިކޮޕްޓަރުތައް ލިބުމުން މިހާރު ބޭނުންކުރާ ސީކިންގް 42/42އޭ މަރުކާގެ ހެލިކޮޕްޓަރުތައް ހިދުމަތުން ދުރުނުކުރި ނަމަވެސް ބޭނުން ކުރުން މަދުކުރާނެ އެވެ.

އިންޑިއާ ނޭވީން މި ހެލިކޮޕްޓަރުތައް ގަންނަނީ ސީދާ އެމެރިކާ ސަރުކާރާ މުއާމަލާތް ކޮށްގެންނެވެ. މިއީ 2.6 ބިލިއަން ޑޮަލަރުގެ ޑީލެކެވެ. މިއީ އިންޑިއާއަށް ވަރަށް ބޮޑަށް ބޭނުންޖެހިފަވާ އުޅަނދުތަކެއް ކަމަށް ބުނެވެ އެވެ.

އިންޑިއާ ކަނޑުގެ ބިޔަ ސަރަހައްދެއްގައި ޗައިނާ ފެތުރިގެންފައި ވާއިރު ޗައިނާއިން ގެންދަނީ އެންމެ ޒަމާނީ އުޅަނދުތައް އުފައްދައި ކަނޑުގައި ފީނަމުންނެވެ. ޓެކްނޮލޮޖީ ގޮތުން އަޅާކިޔެން ނެތް ފެންވަރުގެ ސަބްމެރީން އާއި ކަނޑުއަޑީން ދުއްވާ ޑްރޯންތަކުގެ އެހީގައި ޗައިނާއިން ވަނީ އިންޑިއާ ކަނޑުގެ ބިޔަ ސަރަހައްދެއް މެޕްކޮށްފައި ކަމަށް ވެސް ޚހަބަރުތަައް ބުނެ އެވެ.

އިންޑިއާ ނޭވީއަށް މި ހެލިކޮޕްޓަރުތައް ލިބުމުން ދުޝްމަނުން ޖެހިލުން ވާވަރުގެ ފައުޖެއް އެކުލަވާލެވޭނެ ކަމަށް އެމެރިކާ ބުނެ އެވެ. މި މަރުކާގެ ހެލިކޮޕްޓަރުތައް އިންޖިނިއާކޮށްފައި ވަނީ ސީދާ ހަނގުރާމަތަކުގައި ވެސް ބޭނު ންކުރެވޭ ފެންވަރަށް ކަމަށް އެމެރިކާ ބުނެ އެވެ.