އިބްރާހީމް ޢަލައިހިއްސަލާމްގެ ޒަމާނުން ފެށިގެން، ޢަރަބީންގެ ތެރޭގައި، ޙައްޖުގެ އަޅުކަމަކީ އެމީހުން ދަންނަ، ކޮށް އުޅުނު ކަމެކެވެ. ޖާހިލިއްޔަ ޒަމާނުންގައި މުޝްރިކުން އެމީހުންގެ ޤަދީމީ އާދަކާދަތަކުގެ މަތީ ޙައްޖުވެއުޅުނެވެ. ހިޖުރައިން ނުވަވަނަ އަހަރު މުޝްރިކުން މަސްޖިދުލް ޙަރާމަށް ވަނުން މަނާވުމަށްދާންދެން އެކަން އެގޮތަށް ދެމި އޮތެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أيُّها الذينَ آمنُوا إنَّمَا المشركونَ نَجَسٌ فلا يقربُوا المسجدَ الحرامَ بعدَ عامِهِمْ هذَا وإنْ خِفْتُمْ عَيْلَةً فسوفَ يُغْنِيكُمُ اللهُ منْ فضلِهِ إنْ شاءَ إنَّ اللهَ عليمٌ حكيمٌ﴾ (التوبة 28) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މި އަހަރަށް ފަހު، ޙުރުމަތްތެރިވެގެންވާ މިސްކިތާ އެއުރެން، ކައިރިވިޔަ ނުދޭހުށި ކަމެވެ! އަދި ތިޔަބައި މީހުން، ފަޤީރުވެދާނޭ ކަމަށް ބިރުގަންނަނަމަ، ފަހެ، ﷲ އިރާދަ ކުރައްވައިފިއްޔާ، އެކަލާނގެ ފަޟުލަވަންތަކަމުން، ތިޔަބައިމީހުން މުއްސަނދި ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެ އެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم ޙައްޖުގެ އަޅުކަން އަދާކުރެއްވީ ކިތައްފަހަރު ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއްވެއެވެ. ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އިތުރު އެކަލޭގެފާނު ޙައްޖުވެވަޑައިގެންނެވީ އެންމެ ފަހަރަކު އެވެ. އެއީ ޙައްޖުގެ އަޅުކަން ފަރުޟު ކުރެއްވުމުން، ހިޖުރައިން ދިހަވަނަ އަހަރު އެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ، މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިން ވެސް ޙައްޖުވެވަޑައިގެންނެވިކަމަށް ބައެއް ބޭކަލުން ދެކެވަޑައިގަންނަވަ އެވެ. އިބްނު ޙަޖަރު رحمه الله ގެ ބަސްފުޅުތަކުން އެނގޭގޮތުގައި، ކީރިތި ރަސޫލާ صلى الله عليه وسلم ، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީގައި ވެސް ޢަރަބީން ޙައްޖުވެ އުޅުނެވެ. އެބައިމީހުންގެ އާދަކާތަކުގެ މަތީން މިނާ، މުޒްދަލިފާ އަދި ޢަރަފާތަށް ނިކުމެ، ވިޔަފާރިކޮށް، ޅެންކިޔައި ފަޚުރުގެ ބަސްތައް ބުނެ، ހަރާދުކިޔައި އުޅުނެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ކޮށް އުޅުނު މި ޙައްޖުގެ ތެރޭގައި، އެމީހުންގެ ތެރެއަށް ނިކުމެވަޑައިގެން ކީރިތި ރަސޫލާ صلى الله عليه وسلم ދީނަށް ގޮވާލެއްވުމަށް ޢަރާފާތާގެ ބިމަށް ނިކުމެވަޑައިގަންނަވާކަމުގައި ސާބިތު ވެއެވެ.
ޙައްޖުގެ އަޅުކަން ފަރުޟު ކުރެއްވުމަށް ފަހުގައި ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވީ އެންމެ ޙައްޖެއް ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. މި ޙައްޖަށް، ޙައްޖަތުލް ވަދާޢުގެ ނަން ދެވިފައި ވެއެވެ. އެއީ އެ ޙައްޖުގައި އިތުރު އެކަލޭގެފާނު އުއްމަތަށް ވަކިވުމުގެ ޚަބަރު ދެއްވާފައިވާ ތީއެވެ.
ޖާބިރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ނަޙްރުގެ ދުވަހުގައި (އެބަހީ: އަޟުޙާ ޢީދު ދުވަހު، ޙައްޖުގެ އަޅުކަމުގެ ތެރޭގައި) މާތް ނަބިއްޔާ صلى الله عليه وسلم ގެ އެކަލޭގެފާނުގެ ސަވާރީގައި އިންނަވައި، ޖަމްރާއަށް ހިލަ އުއްކަވަނިކޮށް ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. "لِتَأْخُذُوا مَنَاسِكَكُمْ، فَإِنِّي لَا أَدْرِي لَعَلِّي لَا أَحُجُّ بَعْدَ حَجَّتِي هَذِهِ" "ތިމަން ކަލޭގެފާނުގެ އަރިހުން، ތިޔަބައިމީހުން ޙައްޖުގެ އަޅުކަން ކުރާނޭ ގޮތް އުނގެނި ދަސް ކުރާށެވެ! އެހެނީ ހަމަކަށަވަރުން، ތިމަން ކަލޭގެފާނުގެ މި ޙައްޖަށްފަހުގައި އެހެން ޙައްޖެ ކުރުމުގެ އުއްމީދެއް ނުކުރައްވަމެވެ." އެބަހީ: ދެން އަންނަ އަހަރަކުން ޙައްޖުގެ އަޅުކަން ކުރުމާއި ހަމައަށް ދުނިޔޭގައި ހުންނަވާނޭ ކަމުގައި ހީފުޅެއް ނުވެއެވެ. (رواه مسلم)
މި ޙައްޖު ދަތުރުފުޅުގައި، ކީރިތި ރަސޫލާ صلى الله عليه وسلم ، އިސްލާމް ދީނުގެ ބޮޑެތި އަސާސްތައް ކަނޑައަޅުއްވައި ދެއްވިއެވެ. އެގޮތުން މީސްތަކުންގެ ފުރާނައާއި، މުދަލާއި، ޢަބުރު ޙުރުމަތްތެރިވެގެންވާ ކަން ބަޔާން ކުރެއްވިއެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ ޤިޞާޞް ހިފުމުގެ އުޞޫލު އުވާލެއްވި އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގައި އޮތް އުޞޫލު ތަންފީޒު ކުރެއްވި އެވެ. ހަމައެފަދައިން ރިބާގެ މުޢާމަލާތްތައް އުވާލައްވައި، އޭގެ ކުރިން ކުރެވެމުންދިޔަ ރިބާގެ ވިޔަފާރިތަށްވެސް ހުއްޓުމަކަށް ގެންނެވިއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ޙައްޤުތައް ބަޔާންކޮށްދެއްވައި، އަޚުލާޤީ މިންގަނޑުތައް ކަނޑައެޅުއްވިއެވެ.
ޢަރަފާތް ދުވަހު ދެއްވި، ޙައްޖުގެ ޚުޠުބާގަ އާއި، އަދި ޖެހިގެން އައި ދުވަހު ވެސް މި ވާހަކަތައް ތަކުރާރު ކުރައްވައި، އެކަލޭގެފާނުގެ ރިސާލަތު މީސްތަކުންނަށް އިއްވައިފިކަން އަންގަވައި، އެކަމުގެ މައްޗަށް މާތް ﷲ ހެކި ކުރެއްވިއެވެ.
މިވާހަކަތައް ބަޔާން ކުރައްވައި ނުފައިޢު ބުނު ޙާރިޘް رضي الله عنه ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް ޒަމާން ދަނީ ތަކުރާރުވަމުން ދައުރުވަމުންނެވެ. އަހަރަކީ، ބާރަ މަސް ދުވަހެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހާއި، ޖުމާދަލްއާޚިރު އާއި ޝަޢުބާން މާހާ ދެމެދުގައި އޮންނަ މުޟަރުގެ ރަޖަބު މަހެވެ." (އެބަހީ: މުޟަރު ޤަބީލާގެ މީހުން ކަމޭހިތުން ބޮޑު ރަޖަބު މަހެވެ.)
ދެން އެއްސެވިއެވެ. "މިއީ ކޮން މަހެއް ހެއްޔެވެ؟" ތިމަންމެން ދެންނެވީމުއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާންގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ." ފަހެ، އެމަހަށް ކިޔައި އުޅޭ ނަން ނޫން އެހެން ނަމެއް، އެކަލޭގެފާނު ވިދާޅުވެދާނެއޭ ތިމަންމެން ހީކޮށްފުމަށްދާނދެން އެއްޗެއް ވިދާޅު ނުވެ ހަނު ހުއްނެވި އެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މިއީ، ޛުލް ޙިއްޖާ މަސް ނޫހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "އާދޭހެވެ!"
ޙަދީޘް ކުރެއްވިއެވެ. "މިއީ ކޮން ރަށެއް ހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާންގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ." ފަހެ، އެ ރަށަށް ކިޔައިއުޅޭ ނަން ނޫން އެހެން ނަމެއް، އެކަލޭގެފާނު ވިދާޅުވެދާނެއޭ ތިމަންމެން ހީކޮށްފުމަށްދާންދެން އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މިއީ، ޙުރުމަތްތެރި ކުރައްވާފައިވާ ރަށް (އެބަހީ: މައްކާ)ނޫން ހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "އާދޭހެވެ!"
އެހިނދު ޙަދީޘް ކުރެއްވިއެވެ. "މިއީ، ކޮން ދުވަހެއް ހެއްޔެވެ؟" ތިމަންމެން ދެންނެވީމުއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލޭނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ." ފަހެ، އެ ދުވަހަށް ކިޔައިއުޅޭ ނަން ނޫން އެހެން ނަމެއް، އެކަލޭގެފާނު ވިދާޅުވެދާނެއޭ ތިމަންމެން ހީކޮށްފުމަށްދާނދެން (އެއްޗެއް ވިދާޅު ނުވެ) ހަނު ހުއްނެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މިއީ އައްނަޙުރުގެ ދުވަސް (އެބަހީ: ޙައްޖުމަހުގެ ދިހަވަނަ ދުވަސް) ނޫން ހެއްޔެވެ؟" ތިމަންމެން ދެންނެވީމުއެވެ. "އާދޭހެވެ!"
ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލޭ ޙައްޤަކާނުލައި އޮހޮރުވައިލުމާއި، ތިޔަބައިމީހުންގެ މުދާތައް ވަނީ، ތިޔަބައިމީހުންގެ މައްޗަށް ޙުރުމަތްތެރި ކުރެއްވިގެންނެވެ. އެއީ ތިޔަބައިމީހުންގެ މި ދުވަހުގެ ޙުރުމަތްތެރިކަމާއި، ތިޔަބައިމީހުންގެ މިރަށުގެ ޙުރުމަތްތެރިކަމާއި، ތިޔަބައިމީހުންގެ މި މައްސަރުގެ ޙުރުމަތްތެރިކަމާއި އެއްފަދައިންނެވެ. އަދި ނިކަންހުރެ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ވެރި ރައްބާ ބައްދަލު ކުރާނޫއެވެ. ފަހެ، އެހިނދު ތިޔަބައިމީހުން ކޮށް އުޅުނު ޢަމަލުތަކާމެދުގައި އެކަލާނގެ ތިޔަބައިމީހުންނާ ސުވާލު ކުރައްވާހުއްޓެވެ. ތިޔަބައިމީހުން ދެކެ ދެނެ ތިބެ އަޑުއަހާ ހުށި ކަމެވެ! ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު މަރައި، ކާފިރުކަމުގެ ތެރެއަށް އެނބުރި ނުދާހުށިކަމެވެ."
"ދަންނާށެވެ! ތިޔަބައިމީހުންކުރެ މިތަނުގައި ޙާޟިރުވެ ތިބި ބަޔަކު، މިތާނގައި ނެތް މީސްތަކުންނަށް މި ކަން އަންގައިފާހުށި ކަމެވެ. ފަހެ، ހަމަކަށަވަރުން، އެ ވާހަކައެއް އަޑުއެހި މީހަކަށްވުރެ، އެ ވާހަކަ އަޑުއިއްވުނު މީހުންގެ ތެރޭގައި އެއަށް ވިންނުންހިނގުން ބޮޑު ބަޔަކު ވެދާހުއްޓެވެ!"
އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "ދަންނާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް (މިކަން) އަންގަވައިފީމު ހެއްޔެވެ؟ ދަންނާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް (މިކަން) އަންގަވައިފީމު ހެއްޔެވެ؟" ތިމަންމެން ދެންނެވީމުއެވެ. "އާދޭހެވެ!" ޙަދީޘްކުރެއްވިއެވެ. "އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިކަމުގެ މައްޗަށް ހެކިވެވޮޑިގެންވާނދޭވެ!" (رواه البخاري ومسلم)
ކީރިތި ރަސޫލާ صلى الله عليه وسلم ގެ މި ޙައްޖު ދަތުރުފުޅުގައި، އިސްލާމް ދީން ފުރިހަމަ ވެއްޖެކަމުގެ ޚަބަރު ދެއްވައި، އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. ﴿ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ﴾ (المائدة: 3) "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."
މި އާޔަތް ބާވައިލެއްވުނީ ޢަރަފާތް ދުވަހުގެ މެންދުރު ފަހުގެ ވަގުތގައިއެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ހުންނެވީ ޢަރަފާތުގައި ދުޢާ ކުރެއްވުމުގައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ މިޙައްޖު ދަތުރުފުޅަކީ ހިޖުރައިން ދިހަވަނަ އަހަރު ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުން އެނބުރި ވަޑައިގެން، ދުވަސްކޮޅެއް ފަހުން ދުނިޔެ ދޫކުރެއްވީ، ހިޖުރައިން އެގާރަވަނަ އަހަރުގެ ކުރީކޮޅުގައެވެ.