އިލެކްޝަންސް ކޮމިޝަން

އެމްޑީޕީ އިން ޔޫއެންގެ ލޯގޯ ބޭނުން ކުރާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަނީ

އެމްޑީޕީ އިން އާޓިފިޝަލް ބީޗުގައި ބޭއްވި "މިންޖުވާން" މުޒާހަރާގައި ޔުނައިޓަޑް ނޭޝަން (ޔޫއެން) ގެ ލޯގޯ ބޭނުން ކޮށްފައިވާ މައްސަލަ އިލެކްޝަން ކޮމިޝަން، (އީސީ) އިން ބަލަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިމައްސަލަ ބަލަން ފެށީ އެމްޑީޕީ އިން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މިންޖުވާން މުޒާހަރާގެ، ދިދަ ތަކުގަޔާއި ބައެއް ޓީޝާޓުތަކުގައި ޔޫއެންގެ ލޯގޯ ބޭނުންކޮށްފައިވާތީ އެކަމަށް ކަންބޮޑުވުން ފާޅުކޮށް އެ ލޯގޯ މުޒާހަރާތަކުގައި ބޭނުން ނުކުރުމަށް ޔޫއެން އިން އެންގާފައިވަނިކޮށެވެ.

މިމައްސަލައާ ބެހޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މުޒާހަރާގައި ޔޫއެންގެ ލޯގޯ ބޭނުން ނުކުރުމަށް އަންގާ އެޖަމިއްޔާތުން ސިޔާސީ ޕާޓީތަކަށް ފޮނުވި ބަޔާނުގެ ކޮޕީ އެއް އީސީ އަށް ވެސް ޔޫއެން އިން ފޮނުވިކަމަށެވެ. ޔޫއެންގެ އެ ކަންބޮޑުވާ ގުޅިގެން އެމްޑީޕީ އިން ޔޫއެންގެ ލޯގޯ ބޭނުން ކުރާ ކަމަށް ފާހަގަވެފައި ވާތީ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ސިޔާސީ ޕާޓީ ތަކުން އަމަލުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ރާއްޖޭއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ހުރި ކަންތައްތަކަށް އެފަރާތްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށް. އެ ބޭފުޅުން ވިދާޅުވާ ގައިޑް ލައިން ތަކާއި އެއްގޮތް ވާގޮތުގެ މަތިންނޭ އަމަލު ކުރަން ޖެހޭނީ،" އަކްރަމް ވިދާޅުވި އެވެ.

އެމްޑީޕީ އިން މިންޖުވާން މުޒާހަރާ ބޭވުމުގެ ކުރިން އެޕާޓީ އާ ބައްދަލުކޮށްފައިވާނެ ކަމަށާއި އަދި އެޕާޓީ އިން ގާނޫނުގެ ހުދޫދުގެ ބޭރުން އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީ ތަކުން އީސީއަށް ދޭ ޔަގީން ކަމާއި ހިލާފަށް އަމަލުކުރަތީ ވަރަށް ކަނބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގޮތުގައި ސިާސީ ޕާޓީ ތަކުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުންދާ އަމަލުތަށް ހުއްޓުވުމަށް އީސީ އިން އަބަދުވެސް ފިޔަވަޅު އަޅާނެ އެވެ. އެކަމަކު ފިޔަވަޅު އެޅުމުގެ ކުރިން ފުރަތަމަ ދޭނީ ނަސޭހަތް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުން ބުނެފައި ވަނީ ޔޫއެންއަކީ ވަކި އަތަކަށް ޖެހިގެން މަސައްކަތް ނުކުރާ މިނިވަން ޖަމްއިއްޔާއެއް ކަމަށެވެ. އަދި ވަކިކޮޅަކަށް ބުރަވެ، ހިންގާ ސިޔާސީ އެކި ހަރަކާތްތަކުގައި އެ ޖަމާއަތުގައި ލޯގޯ ބޭނުން ނުކުރުމަށް ވަނީ އެދިފަ އެވެ.