އެމްޑީޕީ

ޕީއެންސީން މެމްބަރުން އިތުރުކުރަނީ ސޮއި ފޯޖުކޮށްގެން: އެމްޑީޕީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަނީ ސޮއި ފޯޖުކޮށްގެން ކަމަށް ބުނެ އެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވެރިކަން ކުރާ ޕީއެންސީން މެމްބަރުން އިތުރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިި ކުރާ ކަމަށެވެ.

އެމްޑީޕީން ވަނީ ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާކަމަށް ބުނެ އެ މައްސަލަތައް ތަހުގީގު ކުރުމަށް މުއައްސަސާތަކަށް ގޮވާލާފަ އެވެ.

ނޫސް ބަޔާނުގައި ވަނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކަމަށާއި އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓިއަށް ވަނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް ލިބިފައި ކަމަށާއި އެއީ މީގެ ކުރިން ވެރިކަން ކުރި ޕާޓީ ޕީޕީއެމްއިން ވެސް އަމަލުކޮށްފައިވާ ގޮތް ކަމަށެވެ.

"އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" އެމްޑީޕީން ބުންޏެވެ.

އެ ޕާޓިީން ބުނީ ސަރުކާރުގެ އިމާރާތްތަކުގައި އަދި ރަސްމީ ގަޑިތަކުގައި މުވައްޒަފުން ލައްވައި ޕާޓީއަށް މީހުން ވެއްދުމަށް ފޯމު ފުރުން ފަދަ މަސައްކަތްތައް ކުރުވުމުން ތަނުގެ ހަގީގީ މަސައްކަތަށް ބުރޫ އަރާކަމަށް އެތަންތަނުގެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުންނަ ރައްޔިތުންގެ ޒާތީ މައުލޫމާތި ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ފޯމު ފުރާ މެމްބާޝިޕް އިތުރުކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ސީރިއަސްކޮށް ބެލުމަށްފަހު ގާނޫނީ ފިޔަވަޅިު އެޅުމަށް އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ.