އީދު ފާހަގަ ކުރުން

އީދު ނަމާދު، މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި

މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ބޮޑު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ރޭ ވަނީ އެ މިސްކިތްތަކުގެ ލިސްޓް އާންމު ވެސް ކޮށްފަ އެވެ. މިއަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ ކަމަށާއި ނަމަވެސް މިނިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އެ ބަދަލު ގެނައީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ގިނަ ބަޔަކު އެއްފަހަރާ އެއް ސަރަހައްދެއްގައި ތޮށްޖެހުން ކުޑަ ކުރުމަށް ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭ ސަރަހައްދުގައި ބޮޑު އީދާއި ކުޑަ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެ އެވެ. މި އަހަރުގެ ފިތުރު އީދު ނަމާދު ވެސް މާލޭ ސަރަހައްދުގައި އެގޮތަށް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ކޮވިޑް ހާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެން އެޗްޕީއޭއިން މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. އެ ލުއިތަކަށް ބިނާކޮށް މި އަހަރުގެ ބޮޑު އީދު ނަމާދު ކުރަން އިސްލާމިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ، މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށް މިނިސްޓްރީއިން ކުރިން ވަނީ ބުނެފަ އެވެ. ކޮވިޑު ނެތް ރަށްރަށުން ބޮޑު ޖަމާއަތަށް އެދެފި ނަމަ ހުއްދަ ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބޮޑު އީދު ނަމާދު ކުރުމުގައި އެޗްޕީއޭން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެދެ އެވެ.