މާލޭ ސިޓީ ކައުންސިލް

މަސްމާރުކޭޓް: ގަވައިދާ ހިލާފު ތަންތަން ހުސްކުރަން އަންގައިފި

މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އަންގައިފި އެވެ.

ކައުންސިލުން ބުނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި މީހުން ނިންދަވާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުން ކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އިއުލާނެއް ކުރި ކަމަށާއި އެއާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

މަސް މާރުކޭޓްގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައި ވެސް މުދަލާއި ތަކެތި ހުރިކަން ސިޓީ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ކައުންސިލުން ބުނީ އެ އިމާރާތުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، ވައްދާފައިވާ މުދަލާއި ތަކެތި، މިމަހުގެ 28 ގެ ކުރިން، ނެރެ ތަކެތި ގެންގޮސް، ތަން ހުސްކުރުމަށް އަންގާފައިވާނެ ކަމަށެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށާއި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެސް ނުނަގާނެ ކަމަށެވެ.

މާރުކޭޓް އިމާރާތުގެ ހިދުމަތަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ނިންމާފައިވާއިރު އަމާޒަކީ ޒަމާނީ އާ މާރުކޭޓުތަކެއް ތަރައްގީ ކުރުމެވެ.