ޕީޕީއެމް

މަލީހާއި ކުރީގެ ދެ މެންބަރަކު ޕީޕީއެމަށް ސޮއިކުރައްވައިފި

Jul 19, 2021
6

މިސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއާއި ކުރީގެ މަޖިލިސް ދެ މެންބަރަކު ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަލީހުގެ އިތުރުން ޕީޕީއެމް އަށް ސޮއި ކުރެއްވި ދެ ބޭފުޅުންނަކީ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް އެވެ.

މި ތިން ބޭފުޅުންގެ މެންބަޝިޕްގެ ފޯމް ހަވާލުވެވަޑައިގަތީ ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

އަހްމަދު އަބްދުލްކަރީމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މާލޭ ސިޓީގައި އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރައްވާފަ އެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބު ކުރުމަށްޓަކައި ރުކުމާ އަހްމަދު ވަނީ މުއިއްޒުއާ އެކު ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފަ އެވެ.

ލޯޔަރު ވައްޑޭ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އެކަމަކު ޖޭޕީ އަށް ސޮއި ކުރެއްވުމުގެ ކުރިން ވައްޑޭ ހުންނެވީ ޕީޕީއެމްގަ އެވެ.

މަލީހް ވެސް މިސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އޭނާ ވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރު ކަން ވެސް ކުރިން ކުރައްވާފަ އެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު މަލީހް މިރޭ ވިދާޅުވީ އޭނާ އަލުން ޕީޕީއެމް އަށް ސޮއި ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްޓަކައި ކަމަށެވެ. މަލީހް ވަނީ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

ރުކުމާ އަހްމަދު އަބްދުލްކަރީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ޕީޕީއެމް އަށް ކާމިޔާބު ހޯދައިދިނުމަށް އޭނާ އަށް ވެސް ކުރެވެން އޮތް މަަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ވަރަށް ގިނަ ބަޔަކު ޕީޕީއެމް އަށް ގުޅުމަށް ތައްޔާރަށް ތިބި ކަމުގައިވެސް ވިދާޅުވި އެވެ.