ދުނިޔެ

އަދި އިތުރު ފަސް އަހަރު ބޭނުން: ގޮތަބަޔާ

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވެއްޖެ އެެ. އެމަނިކުފާނު ވިދާޅުވީ އަދި އިތުރު ފަސް އަހަރު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އެޖެންޑާގައި ހުރި މަސައްކަތްތަކަށް އިތުރު ދަރުރެއް ބޭނުންފުޅުވާ ކަމަށެވެ. މިއީ އެމަނިކުފާނު ކުރިން ވެވަޑައިގެންނެވި ވައުދާ މުޅިން ހިލާފު އިހުތިޔާރެކެވެ.

ލަންކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު، ނޮވެމްބަރު 16، 2019 ގައި އޮތް އިންތިހާބަށް ކެމްޕޭން ކުރެއްވި ދުވަސްވަރު ގޮތަބަޔާ ވިދާޅުވި ކަމަށް މީޑިއާއިން ބުނަނީ ވެރިކަމުގައި ހުންނަވާނީ ފަސް އަހަރުގެ އެންމެ ޓާމެއްގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ވިދާޅު ވަނީ ލަންކާގައި ހަރާބުވެފައި އޮތް އިގުތިސޯދު ހަރުދަނާ ކުރަން އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށެވެ.

ގޮތަބަޔާ ދާދި ފަހަކާ ޖެހެންދެން ވެސް ހުންނެވީ އެއިރު ވިދާޅުވި ގޮތަށް އެއްޓާމަށް ފަހު ވެރިކަން ދޫކޮށްލައްވާ ގޮތަށެވެ. އެހެން ނަމަވެސް، މީޑިއާތަކުގެ ވެރިންނާއެކު މިދާކަށް ދުވަހު ބޭއްވި ބްރީފިންއެއްގައި ވިދާޅުވީ އިތުރު ޓާމަކަށް ކުރިމަތި ލައްވާނެ ކަމަށެެވެ.

ލަންކާގައި ރިޔާސީ އިންތިހާބެއް ދެން އޮންނާނީ 2024 ގައެވެ. ގޮތަބަޔާއަށް ލިބިވަޑައިގެންނެވި ފަސް އަހަރުގެ ފުރަތަމަ ޓާމް އަދި މިއުޅެނީ ދެބައި ނުވެގެނެެވެ. އެމަނިކުފާނު މިހާރު އެފެއްޓެވީ ދެން އޮތް ދައުރަށް ކެމްޕޭން ކުރައްވާށެވެ.

ލަންކާގައި ގޮތަބަޔާއަށް ފަހު ވެރިކަމަށް ވަޑައިގަތުމުގެ އެދުންވެރިކަމުގައި ބޮޑު ކިޔޫއެއް އެބަ އޮތެވެ. އެެންމެ ބޮޑަށް އެދުންވެރިވެ ތިއްބެވީ ވެސް އަމިއްލަފުޅު އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. މި ހަބަރާއެކު ވެސް އަމިއްލަ އާއިލާގެ ތެރެއިން ކުދި ވިކުން އެމަނިފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.