ދުނިޔެ

ސަފީރު ގައުމަށް ގެންދާތީ ހިތާމަކުރަން: ޕާކިސްތާން

ޕާކިސްތާންގައި ހުންނަވާ އަފްޣާން ސަފީރު، ނަޖީބުﷲ އަލީ ހައިލް ގައުމަށް ގެންދަނީ އެވެ. އަފްޣާނިސްތާން ސަރުކާރުން ބުނީ ސަފީރާއި އެމްބަސީގައި މަސައްކަތް ކުރާ އޮފިޝަލުންގެ ރައްކާތެރިކަން ޕާކިސްތާނަށް ކަށަވަރުކޮށް ދެވެންދެން އެ ބޭފުޅުން ތިއްބަވާނީ އަމިއްލަ ގައުމުގައި ކަމަށެވެ.

ނަޖީބުﷲ އަލީ ހައިލް އާއި އޮފިޝަލުން ގައުމަށް ގެންދަން އަފްޣާނިސްތާން ސަރުކާރުން ނިންމީ މިދިއަ ހުކުރު ދުވަހު ސަފީރުގެ ދަރިކަނބަލުން ސިލްސިލާތު އަލީ ހައިލް 26، ރަހީނުކޮށް ތަޅައި އަނިޔާ ކުރުމާ ގުޅިގެންނެވެ. ރަހީނުކޮށް ގިނައިރުތަކެއް ނުވަނީސް ދޫކޮށްލި ނަމަވެސް އެކަމަނާ ވަނީ ވަރަށް ބޮޑަށް ބިރުފުޅުގެންފަ އެވެ.

ޕާކިސްތާން ފޮރިން މިނިސްޓްރީން ބުނީ ސަފީރު ގައުމަށް ގެންދަން އަފުޣާން ސަރުކާރުން ނިންމި ނިންމުމަކީ ބަދުނަސީބުވެރި ކަމެއް ކަމަށާއި ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"އަފްޣާން ސަރުކާރުގެ ނިންމުމާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަ ކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. "ސަފީރުގެ ދަރިކަނބަލުން ރަހީނުކުރި މައްސަލަ ބަލައި އެކަންކުރި ބަޔަކު ހޯދަން ކުރާ މަސައްކަތް އަޅުގަނޑުމެއް ހުއްޓައެއް ނުލަން. ބޮޑުވަޒީރު އިމްރާން ވެސް އަންގަވާފައި އޮތީ އެހެން އެއްވެސް ކަމަކަށް ވުރެ އަވަހަށް މި މައްސަލަ ކޮޅެއްގައި ޖައްސަން" ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިހުނަށް ބޮޑަށް އެމްބަސީގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ވާނެ ކަމަށާއި ސަފީރާއި އެމަނިކުފާނުގެ އާއިލާ އަދި އެމްބަސީގައި އުޅޭހާ ބައެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ކަމަށެވެ.

ޕާކިސްތާން ފޮރިން ސެކްރެޓަރީ އަފްޣާން ސަފީރާ މިއަދު ބައްދަލު ކުރެއްވި ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެމްބަސީ ރައްކާތެރި ކުރުމަށް އަޅާފައި ހުރި ފިޔަވަޅުތަކާ ބެހޭ ތަފުސީލު ދެއްވި ކަމަށް ވެސް ވެއެވެ. ފޮރިން މިނިސްޓްރީން ބުނީ އަފްޣާނުން ދެވަނަ ވިސްނެވުމަކަށް ވަޑައިގެން ސަފީރު ގައުމަށް ނުގެންދެވުމަށް ދަންނަވާ ކަމަށެެވެ.

އަފްޣާނިނސްތާނުން ވަނީ އެ ގައުމުގައި ހުންނަވާ ޕާކިސްތާން ސަފީރު މަންސޫރު އަހުމަދު ޚާން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުތަނަވަސްކަން ފާޅު ކުރައްވާފަ އެވެ. އަދި އެކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ފަސް ނުޖެހުމަށް ގޮވާލާފަ އެވެ.

އަފްޣާންއާ ޕާކިސްތާންގެ ގުޅުމަށް ބުރޫއަރައިގެން އުޅެނީ ކުރެވޭ ތުހުމަތެއްގެ ސަބަބުންނެވެ. އަފުޣާން ބުނާ ގޮތުން ޕާކިސްތާނުން ތާލިބާނުންނަށް މަދަދުވެރިވެ އެވެ. އަދި ތާލިބާނުންނާއެކު ދައްކާ ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހިގެން އުޅެނީ ޕާކިސްތާންގެ ނުފޫޒާ ހެދި އެވެ.