ތިން ބިލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލެވެ.
އެ ތިން ބިލް ރައީސް ތަސްދީގު ކުރައްވާ ގެޒެޓް ކުރެއްވުމުން މިހާރު ވަނީ ގާނޫނަކަށް ވެފަ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ޖުލައި 8، 2021 ރައްޔިތުން މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. އެ ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތި ކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައި ވެއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގަން ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމު ކުރާނެ އެވެ. އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން 2017 ގައި އުފައްދާފައިވާ ބީސީސީ އެވެ
ތަފާސްހިސާބުގެ ބިލަކީ ޖުލައި 8، 2021 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލެކެވެ. މި ގާނޫނާއެކު ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި، ގައުމުގެ އިގްތިސޯދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާ ގުޅޭ ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ނަމުގައި ވަކި އިދާރާއެއް އުފައްދާނެ އެވެ. އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލު ވާނެ އެވެ.
ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަން ކުރާނީ، ރައީސެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި އިސްލާހާއެކު ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފުސީލު ބަޔާން ކޮށްފައިވެއެވެ.