ލެޖިސްލޭޓިވް އެޖެންޑާ

ބިލުގެ ސިފައިގާ އަންނަނީ ބަހަނާތަކެއް، ފުރިހަމަ ކުރަނީ މަޖިލީހުން: ނަޝީދު

Feb 19, 2020
4

ސަރުކާރުގެ ފަރާތުން ހުށަހަޅަނީ އެތައް ޒަމާނެއް ވަންދެން އެކި ވުޒާރާތަކުގައި ހުރި ބިލުތަކެއް ކަމަށާއި، އެ ބިލުތަކަށް ހުރިހާ ފަރާތެއްގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އެ ބިލުތައް ފުރިހަމަކޮށް ގާނޫނަށް ހަދަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ނަފްސާނީ ސިއްހަތުގެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

މީގެ ކުރިން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ބިލުގެ ގޮތުގައި ސަރުކާރުގެ ފަރާތުން ގިނަ ފަހަރު ހުށަހަޅަނީ "ސުރުހީ" އެއް ކަމަށެވެ.

އެބިލަކަށް ބަދަލު ގެނެސް، ރައްޔިތުންގެ ހިޔާލާއި ވިންދު ހުރި ގޮތަކަށް އެކި އެކި ފަރާތްތަކާ މަޝްވަރާކޮށްގެން ބިލެއް ފުރިހަމަ ކުރަނީ މަޖިލީހުންކަމަށް އެމަނިކުފާނު ތަކާރުކުރެއްވި އެވެ.

"ބިލަކާ ގުޅިގެން މަޝްވަރާ ކުރުމަށް އޮންނަ މަޖިލީހަކީ މިއީ. ގާނޫނު ހެދުމާ ގުޅޭ އެންމެހާ ކަންކަން ކުރާ މަޖިލީހަކީ މިއީ. މިތަނުގައި ހޯލްތައްވެސް ހުރީ. މިތަނުގައި މައިކުތައްވެސް ހުރީ. މިތަނުގައި އިންތިޒާމެއްވެސް ހަމަޖެހިފައިއޮތީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެނެސްގެން މަޝްވަރާކޮށް ހިޔާލު ހޯދުމަށް،" ނަޝީދު ތަފްސީލު ކޮށް ދެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާއިރު ގިނަ ފަހަރު އޮންނާނީ އެހާ ބޮޑަށް ހާމަކަން ބޮޑުގޮތުގައި ނޫން ކަމަށާއި އެ ބިލަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދައިގެން އެ ބިލުތައް ފުރިހަމަ ކުރުމުގެ ޒިންމާ އަދާކުރަން ޖެހެނީ މަޖިލީހުން ކަމަށެވެ.

މަޖިލީހުގެ މިދިޔަ ދައުރު ނިމުނުއިރު، ސަރުކާރުގެ ފަރާތުން 56 ބިލެއް ހުށަހަޅާފައިވާއިރު ނަޝީދު ވިދާޅުވީ އެފަދަ ގިނަ ބިލުތަކަކީ އެތަކެއް ޒަމާނެއް ވަންދެން ދައުލަތުގެ އެކި ވުޒާރާތަކުގައި، ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި އެކުވެރި ދައުލަތްތަކާއެކު ކުރެވޭ މަޝްވަރާތަކުގައި އެކުލަވާލާފައިވާ "ބަހަނާ" ތަކެއް ކަމަށެވެ.

"ބޭރުގެ ޕްރެޝަރު ބޮޑުވީމާ، މި ބުނަނީ އާދޭހޭ އަޅުގަނޑުމެން ފަންނީ މާހިރުން ހޯދައިގެން ބިލެއް ލިޔާ ނަމޭ، ގާނޫނެއް ހަދާނަމޭ ކިޔައިގެން ބަހަނާ ދެއްކުމުގެ ނިޔަތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައި ފަށާފައިވާ ބައިވަރު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އެއްފަހަރާ މި ލިބުނީ،"

ނަޝީދު ވިދާޅުވީ އެ ބިލުތައް ލިބުނުއިރު އޭގައި ލިޔެފައިވެސް ހުރީ ހުސް ބަހަނާ ކަމަށާއި އެކަމަށް ހުރިހާ މެންބަރުން ވެސް ސަމާލުވާން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ރައްޔިތުން މިހާރު ބޭނުންވަނީ ބަހަނާތަކެއް ނޫން. އެކަން ކުރުމަށް،" ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކަކީ އެއްވެސް ހާލެއްގައި އެމްޑީޕީގެ މެނިފެސްޓޯގައިވާ އަމާޒުތައް ފާހަގަވާ ބިލުތަކެއް ނޫންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، އެ ބިލުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި، ނަމަވެސް އެ ބިލުތަކަކީ 1980 ގެ އަހަރުން ފެށިގެން "އަންޒަމާނު ކަރަޔަށް ވައިއެރިއިރު" ގެ ބިލުތަކެއްކަން ރައްޔިތުންނަށް ސާފު ކޮށްދެއްވަން ބޭނުންވާ ކަމަށެވެ.