ދުނިޔެ

ތާލިބާނުންނަކީ ސުލްހަވާން ބޭނުން ބައެއް ނޫން: ޣަނީ

އަފްޣާނިސްތާންގައި އިތުރު ހަނގުރާމަތަކެއް ނުކޮށް ސުލްހަ ވުމަށް ސަރުކާރާއެކު މަޝްވަރާއަށް ތާލިބާނުންނަށް އެތައް ފަހަރަކު ގޮވާލުވުމުން ވެސް ދެމެހެއްޓިވި މަސައްކަތްތަކެއް ކުރަން ތާލިބާނުން ނޫޅޭ ކަމަށް އަފްޣާން ރައީސް، އަޝްރަފް ޣަނީ ވިދާޅުވެއްޖެ އެވެ. އެމަނިކުފާން ވިދާޅުވީ ތާލިބާނުން ސުލްހައަށްވުރެ އުންޑަ ދެކެ ލޯބިވާ ކަމަށާއި މަސްލަހަތަކީ އެ ބައިގަނޑު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނުން ފައިބައިގެން ދިއުމާ އެކުއެކީހެން ތާލިބާނުން ވަނީ އަފްޣާން އަވަށްތައް ހިފައި ހިސޯރު ކޮށްފަ އެވެ. ތާލިބާނުން ބުނާ ގޮތުން އަފްޣާންގެ ބޮޑު ބައެއް އެމީހުން އަތްދަށުގައި އެބަ އޮތެވެ.

ރައީސް ޣަނީ ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ހަވާލާދެއްވީ އަފްޣާންގެ ހައި ކައުންސިލް ފޮ ނެޝަނަލް ރިކޮންސިލިއޭޝަންގެ ޗެއާމަން އަބްދުﷲ އަބްދުﷲ އަށެވެ. އަބްދުﷲ އަބްދުﷲ ވިދާޅުވ ކަމަށް ޣަނީ ވިދާޅުވީ ތާލިބާނުންނަށް ސުލްހައަކީ ކެތްވާވަރުގެ ކަމެއް ނޫން ކަމަށެވެ.

ޣަނީ ވިދާޅުވީ ސުލަވުމަށް ހިތްވަރު ދިނުމަށް ތާލިބާނުންގެ 500 ކުށްވެރިން އަފްޣާން ސަރުކާރުން ދޫކޮށްފި ކަމަށާއި އެވަރުން ވެސް ތާލިބާނުންނަށް އެކައްޗެކޭ ވެސް ހީނުވި ކަމަށެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ތާލިބާނުންގެ ޕޮލިޓިކަލް އޮފީހު ތަރުޖަމާން ސީއެންއެންއަށް ވިދާޅުވި ގޮތުން ތާލިބާނުން ބޭނުން ވަނީ ސުލްހަވެރި ސިޔާސީ ހައްލެކެވެ. އަދި މުޅި އަފްޣާންގައި އޮންނަން އެދެނީ އިސްލާމީ ސަރުކާރެކެވެ.

އަފްޣާނިސްތާންގައި ސުލްހަ ގާއިމް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ދަނީ ތާލިބާނުންނާއެކު މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް، މިހާތަނަށް ދެކެވުނު ވާހަކަތަކުން ބިނާ ކުރަނިވި ނަތީޖާއެއް ނުލިބެ އެވެ. މަޝްވާރާގެ ކޮންމެ ވެސް ހިސާބަކުން ފެންނަނީ ތާލިބާނުންގެ އޮފިޝަލުން ނުކުމެގެން ދާތަނެވެ.