ދުނިޔެ

އެމެރިކާއިން ވިސާދޭނެ ކަމަށް ބުނި އަފްޣާން މީހުން އަދި ވެސް އެގައުމުގައި

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ރިޕޯޓަރުންނަށް ބުނި ގޮތުން އެމެރިކާ ސިފައިން ކާބުލްއިން ބޭރުކުރި މީހުންނާ ބެހޭ ސައްހަ މައުލޫމާތު އެ ޑިޕާޓްމަންޓަށް ލިބިފައެއް ނުވެ އެވެ. އަދި އެމީހުން ނިސްބަތްވާ ވިސާ ކެޓަގަރީތަކާ ބެހޭ މައުލޫމާތެއް ވެސް ނުލިބެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ދިން އިރުޝާދާ އެއްގޮތަށް ވިސާއަށް އެެދި ހުށަހެޅި ގިނަ މީހުން އަދި ވެސް ތިބީ އަފްޣާންގަ އެވެ.

އެމެރިކާއިން ބުނެފައި އޮތީ އެމެރިކާ ސިފައިން ކާބުލްއިން ފައިބައިގެން ދާއިރު، އެމެރިކާ ސިފައިންނަށް އެހިތެރިވެދިން އެއްވެސް މީހަކު އަފްޣާންނަށް ދޫކޮށް ނުލާނެ ކަމަށެވެ. އެެއީ ތާލިބާނުންގެ ވެރިކަމެއްގައި އެމީހުންނަށް ދީފާނެ އަނިޔާއަކުން ރައްކާތެރިކުރުމަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީއާ މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ 123،000 މީހުން އަފްޣާނުން ބޭރުކުރި ކަމަށާއި އެމެރިކާ ސިފައިންނަށް އެހިތެރިވި މީހުންނަށް އެމެރިކާއިން އެހީތެރިވާނެ ކަމަށް ބުނި ބުނުން ދަމަހައްޓާނެ ކަމަށެވެ.

ޖެން ސާކީ ވިދާޅުވީ ވިސާއަށް އެދި ހުށަހަޅާފައިވާ ބަޔަކު އަފްޣާންގައި ތާށިވެފައި ތިބިކަން އެނގިވަޑައިގަންނަވާ ކަމަށާއި ކާބުލްއިން ބޭރުކުރި މީހުންގެ 77 ޕަސެންޓަކީ އެމެރިކާއިން އެހިތެރިވާ މީހުން ކަމަށެވެ. އަދި ވިދާޅުވި އެއީ އެމެރިކާއަށް ބަދަލުވުމަށް ވިސާއަށް އެދުނު މީހުން ކަމަށެވެ.

އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުން އެހިތެރިވި ގިނަ ބަޔަކު ކާބުލްއިން ބޭރުކޮށް ގަތަރުގައި މިލިޓަރީ ކޭމްޕްތަކުގައި ވަގުތީ ގޮތުން ތިބީ ބައިތިއްބާފަ އެވެ. އެމެރިކާއާ ގާތް އެހެން ގައުމުތަކަށް ވެސް އަފްޣާން ރައްޔިތުންގެ ބަޔަކު ވަނީ ވަގުތީ ގޮތުން ފޮނުވާފަ އެވެ. އެމެރިކާއިން ބުނާ ގޮތުން އެމީހުންނަށް އެމެރިކާއިން ގެދޮރާއި ވަޒީފާ ހަމަޖެހޭނެ އެވެ.